ނ. ކުޑަފަރި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް، ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ކުޑަފަރި ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

Ad
rt

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރާއި ނ. އަތޮޅު ކޮމާންޑަރުގެ އިތުރުން ކުޑަފަރި ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ރަށެއްގައި ހިނގަމުންދާ ކަންކަމާއި ވަގުތުން ވަގުތަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި، ތަރުތީބުކުރެވިފައިވާ ފުލުހުންގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ ހިދުމަތް ލިބިދިނުން އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާކަމެއް ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ރަށެއްގައި އަމަންއަމާންކަން ގާއިމުކުރެވި ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަން ދެމިއޮތުމުގައި ހަމައެކަނި ފުލުހުން ތިބުމަކީ ނަތީޖާއަކާ ހަމައަށް ވާސިލުވެވޭނެކަމެއް ނޫންކަމަށެވެ. އަދި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި ހަވާލުކުރެވިފައިވާ މުހިންމު ޒިންމާތަކާ ހަމައަށް ދިއުމަށްޓަކައި މުހިންމު މަރުހަލާތަކެއް ކަޑައްތުކުރަންޖެހޭ ބައެއްކަމުގައި ވިދާޅުވިއެވެ.

ދިވެހިންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކަށްވާއިރު ދިވެހިންގެ ތެރޭގައި ފާހަގަކުރެވޭވަރުގެ ބޮޑެތި ކުށްތައް ހުުރުމަކީ އެންމެ އެކަށީގެންނުވާ ކަންތައްކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ކުޑަފަރީގައި ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައި ވަނީ ވިދާޅުވެފައެވެ.

ކުޑަފަރީގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް، ހުޅުވައި ޚިދުމަތް ދޭން ފެށިއިރު އިއްޔެ ވަނީ އެ އަތޮޅު ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަން ހުޅުވައި، ޚިދުމަތް ދޭން ފަށާފައެވެ.