ލޮނުމެދަކީ އާންމުގޮތެއްގައިވެސް ބަދިގެތެރެއިން ފެންނަ، ކެއުމުގެ ވައްތަރުތަކަށް ތަފާތު އިތުރު ރަހައެއް ގެނުވައިދޭ ބާވަތެކެވެ. އެތަކެއް ފައިދާއެއް ލިބިގެންދިޔުމުގެ ސަބަބުން ލޮނުމެދުގެ ތެޔޮ ގުޅައަކީވެސް މީހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ލޮނުމެދާއި ގުޅޭ އެކިއެކި އަޑުތަކާއި ވާހަކަތަކާއި ލިޔުންތަށް ކިޔާލުމުންވެސް ލޮނުމެދުގެ ފަތާއި ގުޅޭގޮތުން އަޑުއިވި ފެނުނީ ދެތިންބަހެކެވެ.
އަޅުގަނޑަށް ލޮނުމެދުގެ ފަތާއި މެދު ޝައުގުވެރިވީ އެއްދުވަހެއްގައި ގެޔަށް ގަނެވުނު ލޮނުމެދެއްގައި ކުރިފަޅާފައި ހުރުމުންނެވެ. އަދި އެލޮނުމެދަށް ހަދާނެ ގޮތަކާއިމެދު ސުވާލުއުފެދި، އެއާއި ގުޅޭގޮތުން ކުޑަކޮށް މަޢުލޫމާތު އެއްކޮށްލީމެވެެ. އަދި ލިބިގެންދިޔަ ޢިލްމީ ޚަޒާނާ މިތާގައި ޙިއްސާކޮށްލާނަމެވެ.
ލޮނުމެދާއި އޭގެ ފަތުން ލިއްބައިދެނީ ގާތްގަޑަކަށް އެއް ފައިދާތަކެކޭ ބުނުމުން އެއްވެސް މީހަކު ޙައިރާނެއްނުވާނެއެވެ. އެއްގަހެއްގެ ފަތާއި މޭވާތާއެވެ. ނަމަވެސް ލޮނުމެދަކީ، އޭގެ ވަހާއި ރަހަ ގަދަވެފައި، މާގިނައިން ކެއުމުން ހަށިގަނޑުގެ ވަސްވެސް ބަދަލުކޮށްދޭ އެއްޗެއްކަމުން، ބައެއްމީހުން އެއާއި ދުރުވެތިބޭތަން އާދެއެވެ.
ނަމަވެސް، ލޮނުމެދުގެ ފަތަކީ، އޭގެ ރަހައިގައި މަޑުމަޑު ލޮނުމެދު ރަހައެއް ހުރިނަމަވެސް އަނގަޔާއި ގައިން އެވަސް ނުހުންނަ، އެކަމަކު ލޮނުމެދުން ލިބިގެންދާ ހުރިހާ ފައިދާތަކެއް ފޯރުކޮށްދޭ އެއްޗެއްކަމުން، ލޮނުމެދު ނުކާމީހުންނަށް ހުރި ރަނގަޅު އިޚްތިޔާރެކެވެ.
ލޮނުމެދުގެ ބާވަތްތަކުން ލިބިގެންދާ ބައެއް ފައިދާތަކަށް ބަލާނަމަ، ފާހަގަކޮށްލެވޭ އެއްކަމަކީ އެއިން ލޭގައިހިމެނޭ އޮކްސިޖަންގެ މިންވަރު ރަނގަޅުކޮށްދިނުމެވެ. ޚާއްސަކޮށް ފުރަމޭގެ ބަލިތަށް ހުންނަ މީހުންނަކީ، ބަލީގެ ސަބަބުން ހަށިގަނޑުގެ އޮކްސިޖަންގެ މިންވަރު ދަށްވެ އެކަމުން ތަކްލީފްތަކެއް އުފުލަންޖެހިފައިވާ ބައެއްކަން ފާހަގަކޮށްލަމެވެ.
މިފަދަ ބަލިމީހުންނަށް ލޮނުމެދު ފަތުގެ ސަޔަކީ، ރަނގަޅު އެއްޗެއްކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ. ފެންފޮދަކަށް ލޮނުމެދުގެ ފަތާއި، އިނގުރު އަޅައި ކައްކާލާށެވެ. ރަނގަޅަށް ކެކުމުން ސައިބޯޖޯޑަކަށް އަޅައި ކުޑަ މާމުއިކޮޅެއް ގިރާލާށެވެ. އަޅުގަނޑުނަމަ ކުޑަ ލުނބޯ ހުތްކޮޅެއްވެސް ފެލާލާނަމެވެ.
ލޮނުމެދު ފަތުގެ ސަޔަކީ ހަމައެކަނި ފުރަމޭގެބަލިތަކަށް ޚާއްސަ މީހުންގެ ބުއިމެއް ނޫނެވެ. މި ސަޔަކީ ސައިނަސް ސާފުކޮށްދީ އެލާޖީސް ހުންނަ ފަރާތްތަކަށް ފައިދާހުރި ބުއިމެކެވެ. ބަރުދަން ލުއިކުރުމަށް އެހީވެދީ ހަންގަނޑު ސާފުވެ ބިހިނެގުމުން މަދުކޮށްދޭކަންވެސް ދިރާސާތަކުން ދައްކުވައިދެއެވެ.
މިސައިގެ އެންމެ ފުރިހަމަ ނަތީޖާ ދައްކުވައިދޭކަމަށް ބެލެވެނީ ހުސްބަނޑާއި އެކު ބުއިމުންނެވެ. ނަމަވެސް ހެނދުނުގެ ކޮފީ ގުރުބާންކޮށްލަން ބޭނުން ނުވާ ބޭފުޅުން، ހެނދުނުގެ ނާސްތާއަށްފަހުވެސް މި ބުއިން ބެއްލެވިދާނެއެވެ.
ލޮނުމެދުގެ ބާވަތްތަކަކީ އޭގެސަބަބުން ގިނަ ޢަދަދެއްގެ އެންޓިއޮކްސިޑެންޓްސް ހަށިގަނޑަށް ފޯރުކޮށްދޭ އެއްޗެއްކަމުން، ހަށިގަނޑުގެ ސެލްތަށް ރައްކާތެރިކޮށްދީ، އެކިއެކި ބެކްޓީރިއާ އަދި ވައިރަސް ތަކުން ހަށިގަނޑުގެ ސަލާމަތްކޮށްދޭތަން އާދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ކާބޯތަކެތީގައި ލޮނުމެދުގެ ބާވަތްތަށް ހިމެނުމުން އިމިއުން ސިސްޓަމް ވަރުގަދަކޮށްދީ، އާދައިގެ ބަލިތަށް ޖެހުމުން ދުރުކޮށްދެއެވެ. އަހަރު ދެކޮޅުހެން ރޯގާ ޖެހޭނަމަ، މި ފަތުގެ ސައި ނުވަތަ ކެއުންތަކުގެ މަށްޗަށް ބުރުވާލައިގެން ނަމަވެސް ބޭނުންކުރުމަކުން އެއްވެސް ގެއްލުމެއްނެތްނޫތޯއެވެ.
ލޮނުމެދުގެ ފަތާއި ތަނޑީގައި އެކުލެވޭ ސަލްފާރ މާއްދާއަކީ އޭގެ ސަބަބުން ކެންސަރު ސެލްތަށް ނައްތާލާ އެއްޗެއްކަމަށް ކެންސަރު ބައްޔަށް ދިރާސާކުރާ އަދި ބޭސްތަށް ފަރުމާކުރާ ފަރާތްތަކުން ވަނީ ޔަޤީންކަންދީފައެވެ. އަދި މީގެ އިތުރުން، އިންސާނާގެ ހަށިގަނޑު ދުވަސްވެ މުސްކުޅިވާ އަތަށް އެޅުމުން ކުރިމަތިލާންޖެހިފައިވާ ކަށިފީވުމާއި، ހިތުގެ ބައްޔާއި، ލޭގެ ޕްރެޝަރ މަތިވުމާއި އަދި ކޮލެސްޓްޜޯލް މަތިވުމަށްވެސް ލޮނުމެދު ފަތުން ފަރުވާލިބޭކަމަށް ދިރާސާތަކުން ދައްކައެވެ. މި ފަތް ކުދިކޮށް ކޮށާލާފައި ބަތާއި ގަރުދިޔަޔާއި އެކުވެސް ވަރަށް މީރުކަމަށް ލަފާކުރެވެއެވެ.
ލޮނުމެދު ފަތަކީ އާންމުގޮތެއްގައި ފިހާރައިން އަޅުގަނޑަށް ފެންނަ ބާވަތެއް ނޫނެވެ. ނަމަވެސް ފާހަގަކޮށްލަން ބޭނުންވާކަމަކީ، މިއީ ހައްދާލަން އުނދަގޫ އެއްޗެއްނޫން ކަމެވެ. އާދައިގެ ލޮނުމެދު މާގަނޑެއް ގަތުމަށްފަހު އޭގެ ހިމަބައި ކުޑަކޮށް ކަނޑާލައި ކަރުގަނޑު ކުޑަ ފެންފޮދަކަށް ލާށެވެ. ހަފްތާއެއްގެ ތެރޭ މޫތަށް ނުކުތުން އެކަށީގެންވެއެވެ. ރަނގަޅަށް މޫ ނުކުތުމުން، ކޮންމެ ލޮނުމެދެއް ވަކިން ވާގޮތަށް ރަނގަޅު ފަސްކޮޅެއްގައި ޖަހާލާށެވެ. ކޮންމެ 3 ދުވަހަކުން ފެންދިނުމުން ފުދޭނެއެވެ. އިސާހިތަކު ތަނޑިތަކާއި އެކު ފަތްތަށް ލާންފައްޓާނެއެވެ. އެކަމަކު ސަމާލުވާށެވެ. މިކަމަކީ ދެވިހިފާފާނޭ ކަމެކެވެ.
މައުލޫމާތުނެގީ: ހެލްތްބެނެފިޓްސް ޓައިމްސް އަދި ހެލްތްޝޮޓްސް . ކޮމް އިން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!