ކުނި މެނޭޖުކުރުމާ ގުޅޭ ތަމްރީނުތަކެއް ވޭސްޓް މެނޭޖްމަންޓް ކޯޕރޭޝަން (ވެމްކޯ) އިން ފަށައިފިއެވެ.

އެ ކުންފުނިން މި ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމެކެެވެ.

Ad
rt

މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ބޭއްވީ ރައީސް އޮފީހުގެ މުވައްޒަފުންނަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީނުތަކުގައި ވެމްކޯގެ ޓީމުން ވަނީ ގެއިންނާއި ރެސްޓޯރެންޓް ފަދަ ތަންތަނުން އާންމުކޮށް އުކާލާ ކުނި ވަކިކުރާނެ ފަސޭހަ ގޮތްތައް ކިޔައިދީފައެވެ.

ވެމްކޯ އިން ބުނިގޮތުގައި މި ޕްރޮގްރާމް، ސިވިލް ސާވިސް އާއި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިމަގުގައި ހިންގާނެއެވެ.

ވެމްކޯއިން ތަމްރީން ޕްރޮގްރާމް ހިންގަނީ މި މަހުން ފެށިގެން އުކާލާ ކުނި ވަކިކުރުމަށް އަންގާފައިވާތީއެވެ. އެގޮތުން މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނިވާ ޒާތުގެ ކުންޏާއި ކުނި ނުވާ ޒާތުގެ ކުނި އަދި ޕްލާސްޓިކް ކުނި ތިން ބަޔަށް ބަހާލަން ޖެހޭނެއެވެ.