ނ. ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ, އެ މަޝްރޫއުގެ ދަށުން 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާންގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށެވެ.

Ad
rt

މި މަސައްކަތްތަކުގެ އިތުރުން މި މަޝްރޫއުގެ ދަށުން, ގޭގޭގައި ފެންމީޓަރު ބަހައްޓައި, ފެނުގެ ކަނެކްޝަން ގުޅައިދީ, އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ވެސް ބަހައްޓާނެއެވެ.

މީގެ އިތުރުން ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 41.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.