ހައި ކޯޓުގެ ދެ ފަނޑިޔާރަކު ވަކިިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ކޮޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާ ދެމެދު އަރައިރުމަކަށް ހިނގައްޖެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ކުރީގެ ސަރުކާރުގައި ސަރުކާރުން ދޫކުރި ފްލެޓްތަކެއް އެ ބޭފުޅުން ގަބޫލު ކުރެއްވި ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މުގަރިއްރުކަން ކުރައްވާ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމީ އެ ދެ ބޭފުޅުން ވަކިކުރަން ނިންމި އިޖްރައާތު ގޯސް ކަމަށެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ކޮމިޝަނަށް ފޮނުވުމަށެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައީސް ކަން ކުރައްވާ ޖޭއެސްސީން ކޮމެޓީގެ އެ ނިންމުމާ ހިތްހަމަނުޖެހިގެން މިރޭ ނެރުނު ބަޔާނުގައިވަނީ އެ ބޭފުޅުން ވަކިކުރަން ނިންމީ އިޖްރައާތު ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.
ޖަވާބުދާރީވުމުގެ ފުރުސަތު އެ ބޭފުޅުންނަށް ދީފައިވާ ކަމަށާއި އަދި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދިޔައީ ކުރިން މަޖިލީހުން ބަލައިގެންފައިވާ އިިޖްރައާތުތަކާ އެއްގޮތަށް ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
ހިސާންގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް ޖޭއެސްސީގެ މެމްބަރެކެވެ. މިއީ ޖޭއެސްސީގެ ނިންމުމަކަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނޫނެކޭ ބުނި ފުރަތަމަ ފަހަރެވެ. ކުރިން އެ ކޮމިޝަނުން ވަކިކުރަން ފޮނުވި ހުރިހާ ފަނޑިޔާރުން މަޖިލީހުން ވަކިކޮށްދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!