ކަސްރަތު ކުލާހެއްގައި ބައިވެރިވެ އެއްމަސް ދުވަހު ނުވަތަ ދެމަސް ދުވަހު ކަސްރަތު ކޮށްލާފައި، އެކަން ހުއްޓާލުމަކީ މީހާގެ މުޅި އުމުރު ދުވަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ކަމަކަށް ނުވާނެކަން ޔަޤީނެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކީ ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރަނެޖެހޭ ދުވަހެކެވެ.

Ad
rt

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަނެޖެހޭކަމާއި މިއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަން، މީގެ 16 އަހަރު ކުރިން ކަސްރަތުގެ ތެރެއަށް ނުކުމެ، ފާއިތުވި 14 އަހަރު ދުވަހު ކަސްރަތުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ދާއިރާގެ ފުންނާބު އުސް ފަރާތެއް ކަމަށްވާ ޝާމިލާ އަހްމަދު (ޝާލޫ) ގެ އަމަލާއި ބަހުން ބުނެދެއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކޯވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ވެސް ފެތުރި، ރާއްޖެ ލޮކްޑައުންވެ ގެއިން ނުނުކުމެވި ތިބެން ޖެހުނު ވަގުތު ޝާލޫ ވަނީ ކަސްރަތު ކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ގޭގެ ހަތަރު ފާރު އެތެރޭގައި ކުރެވިދާނެ ކިތަންމެ ކަސްރަތެއް ހުރިކަން، އޭނާގެ ބޫޓް ކޭމްޕެ މެދުވެރިކޮށް އެތައް ކަނބަލުންނަކަށް ބުނެދީފައެވެ.

ޝާލޫގެ އޮންލައިން ކަސްރަތު ކުލާސް ފެށުމުގެ ޚިޔާލު އައި ގޮތް ހިއްސާކުރަމުން ބުނެފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި މެލޭސިއާގައި ތަމްރީނެއް ފުރިހަމަ ކުރަމުން ދިޔައިރު، އެ ތަނުން ބައިވެރިއަކު އޮންލައިންކޮށް ކަސްރަތު ކުލާސްތައް ނަގައިދިނުމާއި ގުޅޭގޮތުން ޚިޔާލު ދެއްވި ކަމަށެވެ.

2020 ވަނަ އަހަރު އެންމެ ހަތަރު ބައިވެރިންނާއިއެކު ޒޫމް ކުލާހެއް މެދުވެރިކޮށް ޝާލޫ ފެށި ބޫޓް ކޭމްޕް ހުއްޓުމެއް ނެތި ކުރިއަށްދާތާ ދެ އަހަރުވުމާއި ގާތްވެފައިވާއިރު، މިހާރު އެ ކުލާހުގައި 80 އާއި ގާތްކުރާ އަދަދަށް ބައިވެރިން އެބަތިއްބެވެ. ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މި ކުލާހުގެ ބައިވެރިން ތިބިއިރު، ރާއްޖެއިން ބޭރުގައި ވެސް ކުލާހުގެ ބައިވެރިން އެބަތިއްބެވެ.

އޮންލައިން ކޭމްޕެއް ނަމަވެސް ކޭމްޕްގެ ބައިވެރިން ނެރެމުންދާ ނަތީޖާއާއި ލިބެމުންދާ ތަރުޚީބަކީ، އޮންލައިންކޮށް ޝާލޫ ކުރަމުންދާ މި މަސައްކަތާއިމެދު އިތުބާރު ބޮޑުވެގެންދިޔަ ސަބަބަކަށް މިއަދު މިވަނީ ވެފައެވެ.

ބައެއް ބައިވެރިން އަހަރެއްގެ ތެރޭގައި 23 ކިލޯ ލުއިކޮށްފައިވާއިރު، ދޮޅުމަސްތެރޭ ބައެއް ބައިވެރިން ވަނީ 6 ކިލޯ ލުއިކޮށްފައެވެ. ހަށިގަނޑު ލުއިވުމުގެ އިތުރުން ކޭމްޕްގެ ބައިވެރިންގެ ދިރިއުޅުމަށް ގެނެވިފައިވާ ހެޔޮ ބަދަލުތަކަކީ އެނެމް ބޮޑު އެއް ކާމިޔާބީގެ ގޮތުގައި އޭނާ ދެކެއެވެ.

ކޭމްޕްގައި ބައިވެރިވާން ގުޅާ ހިސާބުން ފެށިގެން، އެ ބައިވެރިއަކަށް ޝާލޫގެ ހިތުގައި ހާއްސަ ޖާގައެއް ދެއެވެ. ބައިވެރިޔާގެ ދިރިއުޅުމުގެ ކަންކަން ހުރި ނެތްގޮތް އޮޅުންފިލުވައި ހަދައެވެ. މެޑިކަލް ސުވާލުތަކުން ފެށިގެންގޮސް އާންމު ދިރިއުޅުމުގެ ކަންކަން އެތުރިފާވާ ގޮތާއި، ކޭމްޕްގައި ބައިވެރިވެ ހާސިލްކުރަން ބޭނުންވާ ނަތީޖާ އޮޅުންފިލުވައި، އެ ނަތީޖާ ނެރެވޭނެ ގޮތާއި މުއްދަތު ބުނެދެއެވެ.

ކޭމްޕްގެ ބައިވެރިންނަށް ބޭނުން ވަގުތެއްގައި އެއްވެސް އުނދަގުލެއް ނެތި ޝާލޫއާއި ގުޅާލެވޭއިރު، ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުލާހަށް ހާޟިރު ނުވެވިއްޖެނަމަ ކުލާހުގެ ރެކޯޑިން ބޭނުންވާ ފަރާތްތަކަށް، ކުލާހުގެ ރެކޯޑިން ވެސް އޭނާ އަންނަނީ ފޯރުކޮށްދެމުންނެވެ.

މި ބޫޓް ކޭމްޕްގެ އަނެއް ތަފާތަކީ، ކޭމްޕްގައި ބޭނުންކުރާ ތަކެއްޗަކީ ފަސޭހައިން ގެއިން ލިބެންހުންނަ ތަކެތިކަމުގައި ވުމެވެ. މިގޮތުން ކޭމްޕްގެ ޓާސްކުތައް ފުރިހަމަ ކުރުމަށް ކުނިކަހާ ފިހިގަނޑުގައި އިންނަ ދަނޑިއާއި ތުވާއްޔަކާއި، ބާލީހުގެ އިތުރުން ފެންފުޅި ވެސް ފުދެއެވެ.

2007 ވަނަ އަހަރު ރާއްޖޭގެ އެނެމް ގިނަ ދުވަސްވީ އެއް ޖިމް ކަމުގައިވާ "ހީޓް" ގައި ގްރޫޕް ފިޓްނަސް އިންސްޓްރަކްޓަރ ގޮތުގައި މަސައްކަތްކުރަން ފަށައި، އެއަށްފަހު ޝާލޫ މި ދާއިރާއާއި ގުޅުންހުރި ފުރަތަމަ ތަމްރީން ފުރިހަމަކޮށްފައި ވަނީ 2009 ވަނަ އަހަރު އިންޑޮނޭޝިއާއިންނެވެ. އެއަށްފަހު އޭނާ ވަނީ މެލޭޝިއާއިން ވެސް ގިނަ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން އިންޑިއާއިން ގިނަ ތަމްރީންތަކެއް ފުރިހަމަކޮށްފައިވާއިރު އޮންލައިންކޮށް ވެސް އޭނާ ވަނީ ގިނަ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. މި ދާއިރާގައި ތަޖުރިބާގެ އިތުރުން ޢިލްމީގޮތުން ވެސް އޭނާއަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.

ޝާލޫ ފާހަގަ ކޮށްފައިވާ ގޮތުގައި ބޫޓް ކޭމްޕް މެދުވެރިކޮށް، ކޭމްޕްގެ ބައިވެރިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. ނިދުމާއި ކެއުމާއި ކާ ގަޑިތަކާއި ކާ ތަކެއްޗަށެވެ. އަދި ބައިވެރިންގެ ފުށުން އެ އާއިލާތަކަށް ވެސް ހެލްތީ ބަދަލުތައް އަންނަކަން ފާހަގަކޮށް އެކަމުގެ އުފާވެރިކަން އޭނާ ވަނީ ފާޅުކޮށްފައެވެ.

ކަސްރަތުގެ ތެރެއަށް ނުކުމެ، ފިޓްނަސް އިންސްޓްރަކްޓަރގެ ގޮތުގައި ކާމިޔާބު ކެރިއާއެއް ބިލްޑްކޮށް ދިގުމުއްދަތެއްގައި އެކަމުގެ ތެރޭގައި ދެމިހުރުމުގައި ޝާލޫގެ އާއިލާއާއި ރައްޓެހިންގެ އިތުރުން ފިރިމީހާ ދެއްވި އަދި ދެއްވަމުން އަންނަ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

"ކަސްރަތު ކުރުމަކީ އެއްމަސް ނުވަތަ ދެމަސް ދުވަހު ހިންގޭ ކޯހެއް ނޫން. ކޯސް ނިމުނީމަ ހުއްޓާލާ އުސޫލުން ކުރިއަށް ގެންދާ ކަމެއް ނޫން. ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ މީހާގެ މުޅި އުމުރުގައި ވެސް ކުރަން ޖެހޭކަމެއް"

ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމާއި ގުޅޭގޮތުން ޝާލޫ ބުނެފައިވެއެވެ.

ޝާލޫ ހުރީ ރާއްޖޭގެ ކަނބަލުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރިއަށް މި ގެންދާ ކޭމްޕް އަބަދުވެސް ބައިވެރިނާއި އެކު ކުރިއަށް ގެންދިޔުމުގެ އުންމީދުގައެވެ. ބޫޓްކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7799773 ނަމްބަރަށް ގުޅާލައި ރަޖިސްޓްރީ ވުމަށް އޭނާ އެދިލައްވައެވެ. ނުވަތަ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް މެސެޖެ ކޮށްގެން ވެސް ބައިވެރިވެވޭނެއެވެ.