ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން "އެހީވަމާ" ޝިޔާރުގެ ދަށުން އެރަށުގައި ހިންގި ޕްރޮގުރާމް އިން ރައްޔިތުންގެ އެއްބާރުލުމާއި އެކު ލިބުނު އަންނައުނު ށ. އަމާންވެއްޓަށް ހަދިޔާ ކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މި ހަދިޔާ ށ. އަމާންވެއްޓާއި ހަވާލުކޮށްފައި ވަނީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ.
މި ހަދިޔާ ހަވާލުކުރެއްވުމަށްފަހު އެ ކޮމެޓީން ވިދާޅުވެފައި ވަނީ، އެކަމުގައި އެހީތެރި ވެދެއްވި ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މިފަދަ ހުރިހާ ކަމެއްގައި އެ ކޮމެޓީއަށް ޅައިމަގުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށްފައި ވެއެވެ.
ށ. އަމާންވެށި ހިންގަމުންދާ، ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ) އިން ވަނީ މި ހަދިޔާއަކީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ޅައިމަގު ރައްޔިތުން ފަރާތުން ށ. އަމާން ވެއްޓަށް ފޯރުކޮށްދިން ޢީދު ހަދިޔާއެއް ގޮތުގައި ސިފަކޮށްފައެވެ.
ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ގެންދަނީ ރަށުގެ މުޖުތަމައުގެ ދުޅަހެޔޮކަމަށް އެ ކޮމިޓީގެ އިސްނެގުމާއެކު އެކިއެކި ޕްރޮގްރާމް ރާވާ ހިންގަމުންނެވެ.
ޖެންޑާ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަކީވެސް މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ފުރިހަމަ ތަރުބިއްޔަތެއްދީ ބޮޑުވާ ކުދިންނަށް ހެދުމުގެ މަޤްސަދުގައި ގާއިމުކޮށްފައިވާ ތަންތަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!