ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމަކަށް ކްލަބް އީގަލްސް ވެއްޖެއެވެ. ރޭ ގަލޮޅު ދަނޑުގައި އީގަލްސް އިން މާޒިޔާ ބަލިކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އީގަލްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިޔާ ބޭރުގައި ހުރެފައި ސެންޓޭ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުވިއިރު، އެ ބޯޅަ ހުއްޓުވަން މާޒިޔާގެ ގޯލުގައި ހުރި އަފްގާނިސްތާންގެ ކީޕަރު އޮވޭސް އަޒީޒީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

Ad
rt

މެޗު ފެށިގެން މާޒިޔާއިން ދިޔައީ އީގަލްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެންނަމަވެސް މާޒިޔާއިން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި އީގަލްސް އިން ވަނީ ޑިފެންސިވް ކޮށް ކުޅެ މާޒިޔާއިން ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. މާޒިޔާއިން ވަނީ އެޓޭކުތަށް ވަރުގަދަކޮށް، ކުރިއަށް ޖެހިގެން ގޯލެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ.

ރޭގެ މެޗަށް ނިކުންއިރު އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާއު (ކުރޯ) ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްގައެވެ. މާޒިޔާގެ އިބްރާހިމް ވަހީދު (އިއްބެ) އަނިޔާގައި ހުރުމުގެ ސަބަބުން ޓިމުގައި ހިމަނާފައި ނުވާއިރު މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ކޮނޭލިއަސް ސްޓެވާޓް ވެސް ރޭފެ މެޗުގައި ނުކުޅެއެވެ.

މި މެޗާއިއެކު އީގަލްސް ވަނީ ކުޅުނު 10 މެޗުން 18 ޕޮއިންޓް ހޯދައި ތާވަލުގެ ދެ ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދިވެސް ޓޭބަލްގެ 1 ވަނައިގައި އޮތީ މާޒިޔާއެވެ. މާޒިޔާ 1 ވަނައިގައި އޮތީ 10 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި 10 މެޗުން ލިބުނު 17 ޕޮއިންޓާއިއެކު އޮތީ ކްލަބް ގްރީން ސްޓްރީޓްސްއެވެ.