އިންސާނުން މިނެކިރާ މީޒާނުގައި އެންމެ ބަރު އެއްޗަކަށް ވާނީ ރިވެތި އަޚްލާގުކަން ފާހަގަކުރައްވާ މީސްތަކުންގެ ތެރެއިން އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއްސަބަބަކީވެސް ރިވެތި އަޚްލާޤުކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ފޯރަމްގައި ” އެންމެ ހެޔޮ އިންސާނާގެ ޙަޔާތްޕުޅުގައި ޢިޖުތިމާއީ ގުޅުން ” މި މައުޟޫއަށް ތަޤްރީރުކުރައްވަމުން ނެވެ.
މި މައުޟޫއަށް ވާހަކަފުޅުކުރިއަށް ގެންދަވަމުން މިނިސްޓަރ ވިދާޅުވީ އިސްލާމްދީނުގައި އަޚްލާޤަށް ވަރަށް މަތިވެރިކަމެއް ދެއްވާފައިވާއިރު ކީރިތި ރަސޫލާ ﷺ އަކީ އެންމެ ރިވެތި އަޚްލާގުގެ ވެރިޔާކަމަށެވެ.
ކީރިތި ރަސޫލާ ﷺގެ ހަޔާތްޕުޅަށް ބައްލަވާލައްވަމުން އެކަލޭގެފާނު ރިވެތި އަޚްލާގުގެ ސިފަތަކުން ޒީނަތްތެރިކޮށްދެއްވާތޯ ދުޢާކުރައްވާކަމަށް ވިދާޅުވަމުން މިނިސްޓަރ ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ރިވެތި އަޚްލާޤު ލިބިގަތުމަށް ވާރިދުވެފައިވާ ދުޢާތަކަށް ބައްލަވާލައްވާފައެވެ.
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ނަމޫނާ ދައްކަވަމުން އެކަލޭގެފާނު އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި އެކިކަންކަމުގައި އަނބިއަނބި ކަނބަލުންނާ މަޝްވަރާކުރައްވާކަން ފާހަގަކުރެއްވިއެވެ.
ހަމައެގޮތަށް އަނބިއަނބި ކަނބަލުންނަށް އެންމެ ލޯބިވާ ނަމުން މުޚާތަބް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މިކަންތައްތަކަށް ބައްލަވާލައްވާ، މިނިސްޓަރ ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ހަޔާތްޕުޅަށް ވިސްނައި އެކަލޭގެފާނު ކަންތައް ކުރެއްވިގޮތަށް ކަންކަން އެބަކުރެވޭތޯ ވިސްނާލަން ޖެހޭކަމަށެވެ. އެގޮތުން މީސްތަކުންނަށް އޯގާތެރިވުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި، މިކަންކަމަށް ވިސްނައި، އަޅުގަނޑުމެން އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހޭކަމަށާއި އެގޮތަށް އަމަލުކޮށް އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް އުޅެން ޖެހޭކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!