ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައްޗަށް އެޗްޑީސީން ހިންގަމުން ދަނީ އެ ކުންފުނީގެ އަނިޔާވެރި އިސްތިއުމާރީ ގަވާއިދުތަކެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މެންބަރު ބޮންޑޭ ވަނީ ހިޔާ ސަރަހައްދަށް ވަަޑައިގެން އެ ސަރަހައްދުގައި ކަންކަން ހުރިގޮތް ބައްލަވާ ލައްވާފައެވެ.

Ad
rt

ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ބަލަދުވެރި ކުންފުނި، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުގެ މައްޗަށް ހިންގަނީ އިސްތިއުމާރީ ޤަވާޢިދުތަކެއް ކަމަށް ވިދާޅުވެފައެވެ.

"އާންމު ސިއްތާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި ހުޅުމާލޭ ފޭސް 2 ގައި އާބާދުވަމުންދާ ރައްޔިތުމީހާގެ މައްޗަށް ތަމްފީޒުވަމުންދަނީ އެޗްޑީސީ ކުންފުނީގެ އަނިޔާވެރި އިސްތިއުމާރީ ގަވާއިދުތަކެއް" ބޮންޑެ ވިދާޅުވެފައިވެއެވެ.

އަދި އެ ރައްޔިތުންނަށް ގާނޫނު އަސާސީގައި ބުނާ ހައްގުތައް ނުލިބޭ ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.

ހުޅުމާލޭ ހިޔާ ސަރަހައްދުގައި މީހުން އާބާދުވުމާއެކު ނުކުތް އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. އެ ސަރައްދުގައި ކުނީގެ މައްސަލަ ބޮޑުވެ، ކުނި އެޅުމުގައި އެބާވަތެއްގެ ކުނި އަޅަން ޚާއްޞަ ކުރެވިފައިވާ ޑަސްބިނަށް ކުނިއެޅުމަށް ސަމާލު ވުމަށާއި، ކުނި އަޅަން ކަނޑައަޅާފައިވާ ސަރައްދަށް ކުނި އެޅުމަށް ސަމާލް ވުމަށް މީގެކުރިން ވެމްކޯ އިން ވެސް ވަނީ އެދިފައެވެ.

ރޯދަ މަހާއި ދިމާކޮށް، އެ ސަރަހައްދުގައި ކުނީގެ މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.