ށ. ކަނޑިތީމުގެ އެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމުގެ ގިނަ މައްސަލަތަކެއް ހިނގަމުން އަންނަ ކަމުގައި ޝަކުވާ އެ ކައުންސިލަށް ހުށަހެޅެމުން އަންނަ ކަމަށެވެ.
މިދުވަސްވަރަކީ އިރުވައި މޫސުމުގެ، ފެންދުރު ދުވަސްވަރަށްވެފައި، އެ ގޮތަށް ރޯކުރާނަމަ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ރަށުގެ ވެއްޓަށް، ކައިރި މުސްތަޤްބަލެއްގައި އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށާއި، އަދި މިކަން ތަކުރާރުވާނަމަ، އަމިއްލަ ފަރުދުންގެ މުދަލަށާއި، ފުރާނައަށް ވެސް މިކަމުގެ ނުރައްކާ އޮތުމާއެކު މިފަދަ ޒިންމާދާރު ކުޑަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން، މިހާރަކަށް އައިސް އަމިއްލަ ފަރާތްތަކުން ކުނި ނައްތާލުމުގެ ގޮތުން ކުނި އަންދާކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެފަދަ ފަރާތްތަކުން ވެށި ސާފުކުރުމަށް އޮތް ޝައުޤުވެރިކަމަށް ކައުންސިލުން ތައުރީފުކުރާ ހިނދު، ކުނި ރައްކައުތެރި ގޮތުގުގައި ނައްތާލުމަށްޓަކައި ކުނި ކޮށި ޚިޔާރު ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ގަވާއިދާ ޚިލާފަށް ރަށުގެ އެކި ސަރަހައްދު ތަކުގައި ރޯކުރުންފަދަ އަމަލުތައް ހިންގާ ފަރާތްތައް ސާބިތުކުރެވިއްޖެނަމަ ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އެފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގައި ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!