ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކުރުމުގެ ފުރުޞަތު މިއަދު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، ސިއްކަ ފަރުމާ ކުރުމުގައި، ވިސްނަންވީ ކަންކަމުގެ ތަފްސީލް ވެސް ވަނީ އާންމުކޮށްފައެވެ.

Ad
rt

މިގޮތުން ހުށަހަޅާ ސިއްކައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައިނުވާ ސިއްކައަކަށްވުމާއި، ދިއްދޫއަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ ސިއްކައަކަށްވުމުގެ އިތުރުން މުޖްތަމަޢު ޤަބޫލު ކުރާ ފެންވަރުގެ ސިއްކައަކަށްވުން ހިމެނެއެވެ. އަދި ހުށައަޅާ ސިއްކަ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ވެގެން ނުވުން ހިމެނެއެވެ.

ސިއްކަ ފަރުމާކޮށްފައި ހުންނަންވާނީ، ލެޓަރހެޑް، ބިޒްނަސް ކާޑް، ޔުނީފޯމް، ޓީޝަރޓް، ވެބްސައިޓް އަދި ދިދަ ފަދަ ތަކެތީގައި ވެސް ބޭނުންކުރެވޭނެ ފަދަގޮތަކަށް ކަމަށާއި، އެކިއެކި ބޭނުންތަކަށް ސިއްކައިގެ ސައިޒު ބަދަލުކުރުމުން ސިއްކައިގެ އަސްލު ނުގެއްލުމާއި، އެކު މައުދަންތަކުންނާއި ލަކުޑިފަދަ ތަކެތިން ފަސޭހައިން ތައްޔާރުކުރެވޭ ފަދަ ސިއްކައަކަށް ވުން ހިމެނެއެވެ.

ސިއްކަ ފަރުމާ ކުރުމުގައި ޓީލް ބްލޫއާއި ހުދު ކުލައަށް އިސްކަން ދިނުމުގެ އިތުރުން އެއާއިގުޅޭ ކުލަތައް ބޭނުން ކުރުމާއި، ސިއްކާގައި '' HA. Dhidhdhoo Council '' މިގޮތަށް އިނގިރޭސިބަހުން ލިޔެފައި އޮތުން ހިމެނެއެވެ. މީގެ އިތުރުން ބޭނުންކޮށްފައިވާ ފޮންޓްގެ މަޢުލޫމާތާއި، ކަސްޓަމް ފޮންޓެއް ބޭނުންކުރާނަމަ އެ ފޮންޓެއް ސިއްކައާއިއެކު ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ސިއްކައިގެ ސޮފްޓްކޮޕީއާއި ސިއްކައިން ރަމްޒުކޮށްދޭ އެއްޗެއްގެ ތަފްސީލް ލިޔުމުން ހުށަހެޅުން ހިމެނެއެވެ.

ސިއްކަ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންވާ ފަރާތްތަކުން 14 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފަރުމާކޮށްފައިވާ ސިއްކަ އެ ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ސިއްކަ މެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލްގެ މެއިލް އެޑްރެސް info@hadhidhoo.gov.mv އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ހުށަހަޅާ ސިއްކަތަކުގެ ތެރެއިން އެ ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅުއްވި ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.