ހއ. މުރައިދޫ ކައުންސިލްއިން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މިއީ މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ.

Ad
rt

މިމާރޗް މަހުގެ 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ މިމުބާރާތުގައި ސްކޫލް ދަރިވަރުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ތެރެއިން ވެސް ބައިވެރިން ބައިވެރިވެފައިވާކަން އެކައުންސިލުން ވަނީ އުފަލާއި އެކު ފާހަގަ ކުރަށްވާފައެވެ.

މި މުބާރާތް ފެށުމުގެ ކުރިން އެކައުންސިލުން ވަނީ ޤުރުއާން ޓީޗަރެއް ގެނެސްގެން މުބާރާތުގެ ބައިވެރިންނަށް އެއް ހަފްތާއަށް ޤުރުއާން ކްލާސްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މިކްލާސްތަކުގައި ކިޔަވާދެއްވީ ށ. ފޭދޫގައި ޤުރުއާން ކްލާސްތައް ހިންގަމުންދާ ފަރާތެއް ކަމަށްވާ އަބްދުﷲ ރަޝީދެވެ.

މިމުބާރާތް ކުރިއަށް ގެންގޮސްފައިވާ 6 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެ އުމުރުފުރާތަކަކީ، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

ވަނަތަކަށް ގޮސްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މުރައިދޫ ސްކޫލްގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ ނާހިދެވެ.

މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އެކައުންސިލުން ފާހަގަ ކުރައްވަނީ ރަށުގެ ރައްޔިތުން އަދި ދަރިވަރުންގެ ހިތްތަކުގައި ޤުރުއާން އަށް ލޯބި ޖައްސައި ޤުރުއާން ކިޔަވަން ޖެހޭ މަޙްރަޖަށް ކިޔަވަން ދަސްކޮށްދިނުމެވެ.

މުރައިދޫ ކައުންސިލުންވަނީ މިމުބާރާތުގައި އަމިއްލަ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެރަށު ނޫރާނީގެ، ޒުބޭދާ އަބްދުއް ރަޙްމާން ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މީގެ އިތުރުން މުރައިދޫ ކައުންސިލް މެމްބަރުންނަށާއި މުރައިދޫ ސްކޫލް އަދި ބެލެނިވެރިން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ އެފަރާތްތަކަށް ކައުންސިލް ރައީސްގެ އަމިއްލަ ނަމުގައި ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.