ހއ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަމުންދާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.
އާއްމު ފަރާތަކުން ވެލިނަގަމުން ދާ މަންޒަރު ރިކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނެފައިވަނީ އެރަށުން ވެލިނަގަމުންދަނީ އެރަށުގައި މަސައްކަތްކުރާާ ފަރާތުންކަމަށެވެ. މިމަންޒަރުތައް ނަގާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:10 ގަ އެވެ.
"މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަވަނީ މީގެކުރިން 2 ފަހަރަކު ފެންމަތިވެ ފުލުހުންގެ ސަމާލުކަމަށް ގެނެވި މިކަމަށް އަލިމަގެއްނުފެނި"
މި ވީޑިއޯ ހިއްސާ ކުރަމުން އެމީހާ ބުނެފައިވެއެވެ.
އެވީޑިއޯއިން ފެންނަމުންދަނީ އެރަށުގައި މަސައްކަތްކުރާ ފަރާތްތަކަކުން ފަކީރާ ބޭނުންކޮށްގެން އަތްގާޑިއަކަށް ވެލި އަޅަމުންދާ މަންޒަރެވެ. އެމަސައްކަތުގައި 3 މީހަކު ހަރަކާތްތެރިވާތީ ފެނެއެވެ. އަދި އިތުރު މީހަކު ވެލިނަގާ މަންޒަރު ބަލަން އަރުވާ ޖައިގެން ދެއަތް ފުރަގަހަށް ލައިގެން ހުންނަތަން ފެނެއެވެ. ބެލެވޭ ގޮތުގައި މިއީ ވެލިނަގާ މީހުން ސުޕަރވައިޒް ކުރުމަށް ހުރި މީހެކެވެ. ވެލިނަގަމުންދަނީ އެރަށުގެ ތުނޑިއާވީ ސަރަހައްދުންނެވެ. އެސަރަހައްދުގައި ވެލި އަޅާފައިވާ ބަސްތާތަކެއް ހުރި މަންޒަރުވެސް ފެނެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ހއ އަތޮޅުގެ ރައީސް މޫސާ ޝަފީގް ވިދާޅުވީ ކައުންސިލްގެ ސަމާލުކަމަށް މިމައްސަލަ އެންމެ ފުރަތަމަ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ކަމަށެވެ. އެކަމާއި ގުޅިގެން އެންވަޔަރމެންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރމެންޓް ޕްރޮޓެކްޗަން އޭޖެންސީ އަދި ފުލުހަށް ވެސް މައްސަލަ ހުށައަޅާފައިވާ ކަމަށް ޝަފީގް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އަދި އެކަމަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށް ވިދާޅުވި އެވެ.
މިމައްސަލަ އާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިމައްސަލަ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.
ބިމުގެ ބޮޑުމިނުގައި 16.6 ހެކްޓަރ ހުންނަ މަޑުލަކީ މަފްހާ ޕްރައިވެޓް ލިމިޓެޑްއަށް ވަރުވާގެ ގޮތުގައި ހަވާލުކޮށްފައިވާ ރަށެކެވެ.
ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށް އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެރަށް ބީލަމަށް ލާފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން އެފަހަރު ބީލަމަށްލި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުށްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލްވެސް އެފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް ބޮޑު ޝަކުވާއެކެވެ.
މިފަދައިން ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދެއެވެ. ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ޚަރަދު ބޮޑު އެހާމެ އުނދަގޫ ކަމަކެވެ. ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ ޤާނޫނު ނަންބަރު 77/78 "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު" އާއި ޤަވާއިދު ނަންބަރު: 2013/R-15 " ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ.
އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި، އެއެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެ އުސޫލުތަކުގެ މަތިން ވެލި ނެގުމަށް ދޭތެރެ ދޭތެރެއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ޤާނޫނު ނަމްބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު:2012/R-9 (ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެއެވެ. މި ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ބައެއް ފަހަރު އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!