ހައިސްޕީޑް ފެރީގެ ނިޒާމު ފުޅާވެގެން ދާއިރު ޅ. ނައިފަރު ވެގެން ދާނީ އެ ނިޒާމުގެ ތެރޭގައި ހިމެނޭ ރީޖަނަލް ހަބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަ ފުޅުގައި ވަނީ ނައިފަރު ރައްޔިތުންގެ އެކި ކަންބޮޑުވުންތަކާއި، އެރަށަށް ބޭނުންވެފައިވާ އެކި ކަންކަމަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެރަށުގެ ބޯހިޔާވަހިކަމެކޭ އެއްގޮތަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަކީ ވެސް ވެވަޑައިގެންފާ ވަޢުދެއް ކަމަށް ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ. މިފްކޯ އެކްސްޕޭންޑްކޮށް، ފެލިވަރަށް މަސްގަނެ، ސްޓޯރކޮށް އަދި ދަޅުގައި ބަންދުކުރެވޭނެ ވަސީލަތްތައް ބޮޑަށް އިތުރުކުރަމުން ގެންދަވާ ކަމަށާއި، އެކަންކަމުގެ ސަބަބުން ނައިފަރު މަސްވެރިންނަށް ލުއިކަން ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ފެލިވަރުގައި، އިތުރަށް އައިސް ލިބޭނެގޮތް ހަމަޖައްސަވަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ނައިފަރު މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތަކަށް ފަސޭހަކަން ލިބޭނެކަމަށް ވިދާޅުވިއެވެ.
އޭގެއިތުރުންވެސް، ފެނަކައިން، ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި، އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް، މިހާރު ފެނަކައިން އެގެންދަނީ، އެ މަޝްރޫޢު ރާވައި ކުރިއަށް ގެންދިޔުމުގެ ޢަމަލީ މަސައްކަތް ފަށްޓަން ތައްޔާރުވަމުންކަން ފާހަގަ ކުރަށްވައި، ނައިފަރު ކައުންސިލްގެ ފަރާތުން މިކަމުގައި ނައިފަރުގައި، އައިސް ވިއްކޭނެ ގޮތެއް ހޯދަން ބޭނުންކަމަށްވަންޏާ، ފެނަކައާ އެކީގައި މަޝްވަރާ ކުރައްވައިގެން، ކުރިއަށް ގެންދިޔުމުން މަސްވެރިން އެ ބޭނުންވާ ޙައްލު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
އެރަށު ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނީ ބަނދަރު ބޮޑުކޮށްގެން ކަމަށާއި، އެ ރަށުގެ ބަނދަރަށް އެ ދިމާވެފައި އޮތް ދަތިތަކަށް ވަގުތީ ޙައްލެއް ހޯދައި، އެއަށްފަހުގައި އެ ރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަންތައްތަކަށް ޙައްލެއް ހޯދުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނައިފަރުގައި މިހާރު ހިނގަމުންދާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުހަލާގައިކަން ފާހަގަ ކުރަށްވައި، އެ މަޝްރޫޢު ނިމުމާއެކު ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ ތެރޭގައި، މިހާރު ހުރި މަސައްކަތާއި، އޭގެފަހުން ދެން ފެށްޓޭ ކަންތައްތަކުގެ ތެރޭގައި، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމަނައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރުން ކަމަށާއި، ބާރުތައް ކައުންސިލްތަކަށް ދޫކޮށްލައި، މާލީގޮތުން ތަނަވަސްކަން ފުއްދައިދިނުންކަމަށެވެ. އަދި ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
"އެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރިއަށް. ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އަތޮޅުތައް ގުޅުވައިލުމަކީ އަޅުގަނޑުމެންވީ ވަޢުދެއް. އޭގެ މަސައްކަތް، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގައި އިރާދަކުރެއްވިއްޔާ މިހާރު ޓެސްޓް ބުރުތައް ފެށިގެން އެދަނީ. އެއަށްފަހު، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އެ ތިން އަތޮޅުގައި އެކަން ފެށިގެންދާނެ. އެއަށްފަހުގައި، ދެން ފެށޭ އަތޮޅުތަކުގެ ތެރޭގައި، މިއަތޮޅު، ހައިސްޕީޑް ފެރީގެ ނިޒާމުން ގުޅުވައިލުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރިއަށް ގެންދާނެ. އެގޮތުން މިރަށް ވެގެންދާނެ، ރީޖަނަލް ހަބެއްގެ ގޮތުގައި. އަސްލަމްގެ ޕްލޭންގައި އޮތީ މި ރަށް މިއީ އެ ހައިސްޓަޑީގެ ރީޖަނަލް ހަބެއްގެ ގޮތުގައި ހެދުމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ޕްލޭނާ އެއްގޮތަށް އެރަށް ހައިސްޕީޑް ފެރީގެ ނިޒާމުގެ ރީޖަނަލް ހަބެއްގެ ގޮތުގައި ތަރައްގީކުރަށްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!