"ފޭކް އައިޑީ" ހަދައިގެން މާރަންދޫގެ ކަމުވޮށިގެންވާ މީހުންގެ އަބުރު ކަތިލުން އާންމުވަމުން އަންނާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން މާރަންދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ.

މިކަމާއި ގުޅިގެން 30 ޖަނަވަރީ 2022 ގައި އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް " ފޭކް އައިޑީ " ހަދައިގެން ސޯޝަލް މީޑިޔާގައި އެ ރަށުގެ މީހުންގެ އަގުވައްޓާލައި އަބުރުކަތިލަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

އެ ގޮތުން ރައްޔިތުންގެ އިތުބާރާއިއެކު ކައުންސިލަށް ހޮވިފައިވާ ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގެ އިސް ވެރިންނާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ކުރިން ކައުންސިލް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި މިސްކިތުގެ އިމާމުންނާއި ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނާއި އާންމުންގެ ތެރޭން ބައެއް ބޭފުޅުން ވެސް ހިމެނޭހެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި ރައްޔިތުން ކުރިމަތީ އެ ބޭފުޅުންގެ އަގުވައްޓާލައި އަބުރު ކަތިލުމުގެ މަސައްކަތް ފޭކް އައިޑީ ހަދައިގެން ސޯޝަލް މީޑިޔަގައި ފަތުރަމުންދާ ދިއުން މާރަންދޫ ކައުންސިލުން ކުއްވެރި ކުރާކަމަށެވެ.

މީގެ އިތުރުން ފޭކް އައިޑީތަކުން ނަމާދަށް އެރުމަކީ ކާފަރުންގެ ކަމެއްކަމަށްބުނެ ކުފުރާއި ޝިރުކުގެ ކަންކަމަށް ގޮވާލައި އެ ކަންކަން ފަތުރަން މަސައްކަތް ކުރުމަކީ އެ ކައުންސިލަށް ބަލައި ގަނެވޭނެ ކަމަކަށް ނުވާހާލު އެ ކަންކަން ހަރުކަށި އިބާރާތުން އެ ކައުންސިލުން ކުށްވެރިކުރާ ކަމަށެވެ.

މިފަދަ ދަށު ދަރަޖައިގެ ނާތަހުޒީބީ ޢަމަލުތަކަކީ ރަށުގެ އެއްބައިވަންތަކަން ގެއްލި އެއްފަރުދަކު އަނެތްފަރުދަކާއި ދޭތެރޭ އޮންނަ ގުޅުން ކެނޑި، ކުށެއްނެތް މައުސޫމް އެތައް ބައެއްގެ އަބުރާއި އިއްޒަތް ވެއްޔާމޮޑެވި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް އެ ބޭފުޅުންނަށާއި އެބޭފުޅުންގެ އާއިލާތަކަށް ލިބިގެންދާނެ ކަމެއްކަމަށް ފެންނާތީ އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކުން އެ ޢަމަލުތައް ހުއްޓާލުމަށް އެ ކައުންސިލުން ގޮވާލާ ކަމަށެވެ.

މީގެއިތުރުން މިފަދަ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގާ ފަރާތްތަކުގެ މައްސަލަތަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ބައްލަވައި ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް މާރަންދޫ ކައުންސިލުން ވަނީ ގޮވައިލާފައެވެ.