ހއ. މޮޅަދޫގައި ހުންނަ ހަމައެކަނި މިސްކިތްކަމަށްވާ މަސްޖިދުއްނޫރުގައި ކުރަންހުރި މަސައްކަތްތަކަށް އެހީތެރިކަން ފޯރު ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މޮޅަދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން 20 ޖަނަވަރީ 2022 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށު މަސްޖިދުއްނޫރުގެ ސައުންޑް ރަނގަޅުކޮށް، މިސްކިތާ މިސްކިތުގެ ގޯތިތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ނުވަތަ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާކަމަށެވެ.
މިގޮތުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި 7660669 ނަންބަރު ފޯނާއި ގުޅުއްވައި ނުވަތަ އެ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ވެދެއްވަން ބޭނުންފުޅުވާ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަމުން މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވެފައި ވަނީ ކައުންސިލުން އެ ރަށުގައި ހުރި ހަމައެކަނި މިސްކިތް ކަމަށްވާ މަސްޖިދުއްނޫރުގައި ކުރަންހުރި މަސައްކަތްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.
ސިނާދު އިތުރަށް ވިދާޅުވެފައި ވަނީ އެ މިސްކިތުގައި މިވަގުތު ހުރި ސައުންޑް ސިސްޓަމަކީ އެތަން ހުޅުވިއިރުއްސުރެ ހުރި ސިސްޓަމަށްވެފައި، އެ ސިސްޓަމަށް ތަފާތު މައްސަލަތައް ކުރިމަތި ވަމުން އަންނާތީ ބައެއްފަހަރު ބަންގީގެ އަޑު ނީވުންފަދަ މައްސަލަތައް ކުރިމަތި ވަމުން އަންނަ ކަމަށެވެ.
އެ ރަށުގެ ރަޖިސްޓަރީގެ 402 ފަރާތެއް ތިބި ނަމަވެސް އެ ރަށުގައި ދިރިއުޅެމުން އަންނަނީ ގާތްގަނޑަކަށް 300 އެއްހާ މީހުންނެވެ. ރަމަޟާން މަސްކައިރި ވަމުން އަންނާތީ މިސްކިތުގެ ވޯކްވޭގައި ކުލަލައި މުންނާރު ދިއްލުން ފަދަ މަސައްކަތްތައް ކޮށް ރަމަޟާން މަހަށް މިސްކިތުގެ ސައުންޑް ސިސްޓަމް ރަނގަޅު ކުރުމަކީ ކައުންސިލްގެ އަމާޒެއް ގޮތުގައި އިނާދް ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!