ށ. ފުނަދޫ ކައުންސިލް އާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ "ދަންދާނަ ބާޒާރު 2"އަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ފަހަރުގެ ބާޒާރު ހާއްސަކޮށްފައި ވާނީ ގޭ ތެރޭގައި ހިފާގެންގުޅޭ ސާމާނަށް ކަމަށެވެ.

Ad
rt

އިއްޔެ ހެނދުނު 10:30 ގައި ފެށިގެންދިޔަ މި ބާޒާރުގައި ރައްޔިތުންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާ ކަމަށް ފަރުޒާނާ ވަނީ ފާހަގަ ކުރައްވާފައެވެ. ސިލްސިލާކޮށް މަހަކު އެއްފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބާޒާރު އެންމެ ފުރަތަމަ ފަށާފައިވަނީ މިދިޔަ ނޮވެމްބަރ މަހުއެވެ.


އެ ކޮމިޓީއިން މައުލޫމާތު ދީފައިވާ ގޮތުގައި އެބާޒާރު ހާއްސަ ކޮށްފައި ވާނީ ކާބޯތަކެއްޗަށް ކަމަށެވެ. އަދި އަންނަ މަހުގެ ބާޒާރު "ޖަމްބަލް" ސޭލް އެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގޭގައި ތިބޭ ކަނބަލުންގެ މަސައްކަތްތައް އިޝްތިހާރު ކުރުމުގެ އިތުރަށް އެފަރާތްތަކަށް އާމްދާނީ ހޯދާނެ މަގެއް ތަނަވަސް ކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ބާޒާރު ތަކުގައި ވީހާވެސް ގިނަ ކަނބަލުން ބައިވެރިވުމަށް އެ ކޮމިޓީއިން ވަނީ އެދިލައްވާފައެވެ. އަދި މިފަދަ ހަރަކާތްތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ބާޒާރު ކުރިއަށް ގެންދިއުމަށް ރަށުގެ ކައުންސިލުން ވެދެއްވާ އެހީތެރިކަން ފާހަގަ ކޮށް އެ ކޮމީޓީއިން ވަނީ ކައުންސިލުންނަށް ޝުކުރު ދަންނަވާފައެވެ.