ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީން ކުރަނީ އެ ކުންފުނީގެ ފްލީޓްގެ އެންމެބޮޑު އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް،507 މީޓަރުގެ ބޭރުތޮއްޓެއް ލައި، 100 މީޓަރުގެ ރިވެޓްމަންޓް އަދި، 464 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ.

މީގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

މިއީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.