ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހިންގާ ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް އިއްޔެ ފަށައިފިއެވެ.

"ބަޓާރ ކްރީމް އެންޑް ޕޭސްޓްރީ ކޯސް ވިތް ޝާޒީ"ގެ ނަމުގައި ކުރިޔަށް ގެންދާ މި ކޯސްތަކަކީ، ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ކޯހެވެ.

Ad
rt

ބަޓާރ ކްރީމް ކޯހުގައި 11 ބައިވެރިން އަދި ޕޭސްޓްރީ ކޯހުގައި 11 ބައިވެރިން ބައިވެރި ވެފައިވާ، މި ކޯހުގައި ޖުމްލަ 22 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ޖުމްލަ 5 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯސްތައް ހިންގައި ދެނީ، މި މަސައްކަތުގައި 14 އަހަރަށް ވުރެއް ގިނަ ދުވަސް ހޭދަކޮށްފައިވާ ފީވަކުގެ ހުނަރުވެރި ކަނބަލެއް ކަމަށްވާ، ޝާޒީއެވެ.

ފޮޓޯ: ފީވައް.އެމްވީ

މި ކޯސްތައް ކުރިޔަށްދާނީ ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ. އެގޮތުން ބަޓާރ ކޭކް ކޯސް ހަވީރު ކުރިއަށް ދާއިރު، ޕޭސްޓްރީ ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑެވެ.

މި ކޭކު ކޯހުގައި ކޭކު އެޅުމާއި، ކޭކުގައި އައިސިން ޖަހަން ދަސްކޮށްދޭނެއެވެ. އަދި ޕޭސްޓްރީ ކޯހުގައި ތަފާތު ނުވަ ވައްތަރުގެ ޕޭސްޓްރީ އައިޓަމް ހަދަން ދަސްކޮށްދޭނެއެވެ.

މި ދެ ކޯހުގައިވެސް ބޭނުންކުރާނެ ތަކެތި ކޯސްހިންގާފަރާތުން ފޯރުކޮށްދޭން ނިންމާފައިވާއިރު، ކޯސް ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށް ވެސް ކޯސް ފުރިހަމަކަމުގެ ސެޓްފިކެޓް ދޭން ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން ކޯސްތައް ފުރިހަމަކުރާ ބައިވެރިންނަށް ޑެކަރޭޓިންގ ކިޓެއް ދޭން ވެސް ވަނީ ނިންމާފައެވެ.