ކުޑަވެސް އުންމީދެއް އޮތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަގޮތުގައި ތަރައްގީ ކުރެވިގެން ދިޔުމުންކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ވައްޑޭ ވަނީ 2022 ވަނަ އަހަރާއި ބައްދަލު ކުރެވެމުން ދަނީ އުންމީދީ ވަގުތެއްގައި ކަމަށާއި، ކޯވިޑްގެ އަޑިގަނޑަށް ފަހު އަލުން ގައުމުގެ އިޤްތިޞާދު ކޮޅަށް ޖެހެމުގެ ކޮޅުމަތި ފެންނަމުން ދިޔުމަކީ އާލާވާ އުންމީދެއް ކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑް ހާލަތުގައި ކަންކަން މެނޭޖްކޮށް، ކަންކަން ރަނގަޅަށް ގެންދިޔުމަށްޓަކައި ސަރުކާރާއި ގުޅުންހުރި ފަރާތްތަކުން ކުރެއްވި މަސައްކަތް އޭނާ ވަނީ ފާހަގަ ކުރަށްވާފައެވެ.
ބަޖެޓް ބަހުސްގައި އޭނާ ތަމްސީލްކުރަށްވާ ދިއްދޫ ދާއިރާގެ ބަޖެޓާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ، ދިއްދޫ ދާއިރާގެ 2019 ވަނަ އަހަރާއި، 2020 ވަނަ އަހަރު އަދި 21 ވަނަ އަހަރު ބަޖެޓާމެދު ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
"2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގައި އަޅުގަނޑުމެންނަށް އެއްވެސް މަޝްރޫއެއް ނުހިންގޭ. ނަަމަވެސް، 2021 ވަނަ އަހަރު ބަޖެޓުގެ ތެރޭ ހިމެނޭ ދެ މަޝްރޫޢެއް މިހާރު ވަނީ ހަވާލުކުރެވިފަ. އެ މަސައްކަތްތައް ރަށުގައި އެބަ ހިނގާ. އެދެވޭ ގޮތެއްގައި އެ ދެ މަސައްކަތްތައް ކުރިޔަކަށްނުދޭ. ދެން ބަޖެޓުގައި ޖެހިފައި ހުރި ގިނަ މަޝްރޫޢުތައް އަދި ހަވާލެއް ވެސް ނުކުރެވޭ. އެ މަޝްރޫޢުތަކާ މެދު ވާ ގޮތެއް ސާފެއް ނުވޭ." ވައްޑޭ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ދިއްދޫގައި އައު ހޮސްޕިޓަލެއް އިމާރާތްކުރުން ހިމެނިފައިވާއިރު ޓަރޝަރީ ލެވަލްގައި އެ ހޮސްޕިޓަލު ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކަމަށް ވައްޑޭ ވިދާޅުވިއެވެ.
"ދިއްދޫގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މި އަހަރުގެ ބަޖެޓުގައި އެކަން ހިމެނުމަށް ޓަކައި
ކޮމިޓީއަށް އަޅުގަނޑު އެދެން. އަޅުގަނޑު ގަބޫލުކުރަނީ، މި ބަޖެޓުގައި އެބަ ފާހަގަކުރޭ ފާގަތި ދިރިއުޅުމަކަށް މި ބަޖެޓު ފަހިވާނެ ކަމަށް. އެގޮތުގެ މަތީން މި ބަޖެޓު ކުރިއަށްދިއުމަކީ" ވައްޑޭ ވިދާޅުވިއެވެ.
ބަހުސްގައި ވައްޑޭ ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ ދެގުނަކުރުމަށް ޓަކައި ގިނަ މަޝްރޫޢުތަކެއް ހިންގަން ޖެހޭކަމަށެވެ. އަދި ބޮޑު ތިލަދުންމައްޗަށް ބަލާއިރުގައި ހަނިމާދޫ އެއަރޕޯޓު ތަރައްޤީވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޮޑު އަތޮޅެއް، އެހެންނަމަވެސް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ދެ ރަށް އޮތީ. ޙަޤީޤަތުގައި އިޤުތިޞާދީ ހަރަކާ ހަރަކާތްތަކެއް ނެތް. އަޅުގަނޑުމެންނަށް ކުޑަ ވެސް އުއްމީދެއް އޮތީ، ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފުރިހަމަ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީވެގެންދިޔުމުން. އަޅުގަނޑު ގަބޫލުކުރަނީ، މި ސަރުކާރުން އެ މަސައްކަތް އެބަ ކުރާ ކަމަށް." ވައްޑޭ ވިދާޅުވިއެވެ.
އެހެންނަމަވެސް، އެ މަސައްކަތް ދާ ސްޕީޑު އަވަސްކުރަން މަސައްކަތްކުރަން ޖެހިފައިވާކަމަށާއި، މި ދައުރުގައި އެ އެއަރޕޯޓުގެ މަސައްކަތް ފުރިހަމަކުރެވިގެން ނޫނީ އެކަން ހަގީގަތަކަށް ވެގެން ހިނގައިދާނެކަމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަކީ ބޮޑު ތިލަދުންމަތީގެ ތަރައްޤީއާ ގުޅޭ، އަދި ބޮޑު ތިލަދުންމަތީގެ އިޤުތިޞާދާ ގުޅޭ ރަނގަޅު މަޝްރޫޢެއްގެ ގޮތުގައި ހިމެނޭ މަޝްރޫޢުއެއް ކަމަށް އޭނާ ވިދާޅުވިއވެ.
ވައްޑޭ ވަނީ ވެލާނާ އެއަރޕޯޓުގެ މަސައްކަތަކީ ވެސް ހަލުވިކުރަންޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށާއި، މިއަދު އެވްރެޖުކޮށް 6000 ޓޫރިސްޓުން ރާއްޖެ އަންނައިރުގައި އަންނަ ފްލައިޓުތައް އެއަރޕޯޓުގައާއި އަދި ނުޖެއްސި ވާ ވަގުތުތަކަކީ ޙަޤީޤަތުގައި އިޤްތިޞާދަށް ގެއްލުންވެގެންދާ ވަގުތުތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން ވެލާނާ އެއަރޕޯޓުގެ ހިނގަމުންދާ ޓަރމިނަލްގެ މަސައްކަތްތަކާއި، އަދި ގުޅުންހުރި މަސައްކަތްތައް އަވަސްކުރުމަށް ޓަކައި ބަޖެޓުން ޖާގަދޭން ޖެހޭކަމަށާއި، ބަޖެޓު ފޮތް ކިޔައިލާއިރުގައި ލަފާކުރެވެނީ، އަދިވެސް އެ މަސައްކަތް ލަސްވެގެން ހިނގައިދާނެކަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމވެސް އެގޮތަށް އެކަން ދޫކޮށްލައިގެން ތިބެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވައްޑޭ ވަނީ ފަތުރުވެރިކަމަށް ދޫކުރެވި، އޮޕަރޭޝަނަށް ނުގެނިވާ 70 ވަރަކަށް ރަށް އަދިވެސް އޮތްކަން ވެސް ފާހަގަ ކުރަށްވާފައެވެ. އަދި ދައުލަތުގެ އާމްދަނީ ދުޅަހެޔޮކުރުމަށް އެރަށްތައް ހެދި، އޮޕަރޭޝަނަށް އަންނާނެ ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި، އެކަމަށް ޤަނޫނީ ހައްލެއް ހޯދައި އެކަން އަވަސް ކުރުމަށް ވެސް ވައްޑޭ ވަނީ ގޮވާލަށްވާފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!