ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގު ފަށައިފިއެވެ.

މި މުބާރާތް ފެށުމަށް މި މަހުގެ 11 ވަނަ ދުވަހަށް ތާވަލު ކުރެވިފައި ވީ ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން، މި މުބާރާތް ފަށާފައި ވަނީ 12 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރެއެވެ.

Ad
rt

މުބާރާތުގައި ރޭ ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓާފް ކުއީންއާއި ޒީރު ސްޓާރސްއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޓާފް ކުއީންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓާފް ކުއީންގެ ޖޯޒީ ނަމްބަރު 12 ޖަމީލާ މޫސާއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންއާއި ސަންދިޔާއެވެ. މި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެސް ވިމެންގެ ޖޯޒީ ނަމްބަރު 10 ފާތިމަތު ޝަހުލާއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ފެނަލަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ވަހީދުގެ އިތުރުން ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފާތިމަތު ރީނާޒްއެވެ.

ކުމުންދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުމުންދޫ ޔޫތް ސްޕޯރޓްސް ކުލަބުގެ ފަރާތުން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ 2020 ވަނަ އަހަރުއެވެ. މިހިނގާ 2021 ވަނަ އަހަރުގެ މުބާރާތަކީ މި ސިލްސިލާގެ ދެވަނަ މުބާރާތެވެ.

މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި 20:15 ގައި ބައްދަލު ކުރާނީ ޒީރު ސްޓާރސްއާއި ސީއެސް ވިމެންއެވެ. ދެވަނަ މެޗުގައި 21:15 ގައި ބައްދަލުކުރާނީ ސަންދިޔާއާއި ބީސީ ވިމެންއެވެ.

މި މުބާރާތުގެ މެޗުތައް ކުމުންދޫ ޔޫތް ސްޕޯރޓްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.