ދިވެހި ތާރީހުގައި، މި ފަހަކަށް އައިސް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެތައް ބައެއްގެ އުމުރުދުވަހު ކުރި މަސައްކަތް ވަނީ އަނދާ އަޅިޔަށް ވެފައެވެ. އެތަކެއް ސަތޭކަ މީހުން ވަނީ މަގުމަތި ވެފައެވެ.

އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި "ހެންވޭރު ބޮޑު ހުޅު" ގެ ސަބަބުން ޖުމްލަ 26 ގެއަކަށް އެކި ވަރުގެ އަސަރުކޮށް، 700 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ހާލުގައި ޖެހިފައެވެ. އަދި އަންދާޒާ ކުރެވޭ ގޮތުގައި، މި ހާދިސާއިން ލިބުނު ގެއްލުން ޖުމްލަ 20 މިލިއަނަށް އަރާނެއެވެ.

Ad
rt

މި ފަހަރު މިއޮތީ ފެނަކައިގެ މުއައްޒަފުންގެ ފަރާތުން ހާލުގައި ޖެހުނު ފަރާތްތަކަށް ލޯތްބާއެކު ބޮޑު ހަދިޔާއެއް ދީފައެވެ. އެގޮތުން ފެނަކައިން މިދެނީ 1 މިލިޔަން ރުފިޔާއެވެ. މިރޭ ވަނީ އެކަމަށްޓަކާ، ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ފެނަކައިގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ ރަމްޒީ ފައިސާގެ ބޯޑު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހަވާލުކުރައްވާފައެވެ. މި ބޯޑް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްދެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހަ ގުދަނެއް ރޫޅާލައި، ތިން ގެއެއް މިހާރު ވަނީ ތަޅާލާފައެވެ. މީހުން ދިރިނޫޅެވޭ ވަރަށް އިތުރު ހަ ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ދިރިއުޅުމަށް ރައްކާތެރި ނަމަވެސް މަރާމާތުކުރަންޖެހޭ ހަ ގެއެއް ހިމެނެއެވެ. އެ ހާދިސާގައި 100 އެއްހާ މީހުންނަށް އަދިވެސް އެންޑީއޭއިން ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.