މަދަނީ ޖަމިއްޔާތައް ހިންގުމަށް، ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެއްޖެ އެވެ.
ޞަބާޙް މިހެން ވިދާޅުވީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ޞަބާޙްގެ ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި މަދަނީ ޖަމިއްޔާތައް ހިންގުމަށް ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ޖެހެއެވެ. އަދި މަދަނީ ޖަމިއްޔާތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކުރަންޖެހޭ ކަމަށާއި އެކަންކަމުގެ ސިފަވަންތަކަން އިސްކުރަންޖެހޭ ކަމަށް ޞަބާޙް ވިދާޅުވިއެވެ.
އަދި މަދަނީ ޖަމްޢިއްޔާތަކުގެ ޤާނޫނު އެންމެ އަވަސްގޮތެއްގެ މަތިން ފާސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކޮށް ޞަބާހު ވިދާޅުވީ އެ ޤާނޫނު އުފަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަދި މިކަމާބެހޭ ކޮމިޓީގެ މުޤައްރިރު، މުޙައްމަދު ޝިފާއުގެ ދައުރު ވަރަށް ބޮޑުކަމުގައި ދެކޭކަމަށެވެ.
"މިއީ ވަރަށްވެސް ހެޔޮފާލެއް. އަޅުގަނޑު ޔަޤީންކުރަނީ، ދެންނެވުނު ކަންކަމަށް ހެޔޮބަދަލުތައް އަންނާނެ ކަމަށް." ޞަބާހު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑުތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވުނު މި މަހާސިންތާގެ އެންމެ ބޮޑު އަމާޒަކީ ޖަމްއިއްޔާތައް ހިނގުމުގައިހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމާއި، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް، ފަހިވެއްޓެއް ޤާއިމު ކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ޤައުމީ ތަރައްޤީއާއި ހެޔޮވެރިކަން އަދި އިޖްތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމާއި، އަދި ޖަމްޢިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން، ހޭލުންތެރިކަން އިތުރުކޮށް، ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރުން ކަމުގައި ޞަބާހު ވިދާޅުވި އެވެ. އަދި މިހާރު އެ އަމާޒުތަށް ޙާޞިލްވެފައި ކަމުގައި ދެކޭކަމަށް އެބޭފުޅާ ފާހަގަކުރެއްވި އެވެ.
އިހަވަންދޫގައި މި މަހާސިންތާ ބޭއްވިގެން ދިއުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަން ފާހަގަކުރައްވާ ޞަބާހު ވިދާޅުވީ މަހާސިންތާ ބޭއްވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާނީ، ވަރަށްވެސް ސާބިތު ޢަޒުމާއެކު އިހަވަންދޫ ރައްޔިތުންގެ ޝަރަފާއި ކަރާމާތް ނަގަހައްޓައި ދެމެހެއްޓުމާއެކު ޔޫތު މިނިސްޓްރީގެ އިރުޝާދާއެކު ކަމަށެވެ.
ޞަބާހުގެ ވާހަކަ ނިންމާލައްވަމުން ވަނީ، އިހަވަންދޫގެ ރައްޔިތުންނަށާއި، ޔޫތު މިނިސްޓްރީ އަށާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއަށާއި، އެމްޓީސީސީގެ އިތުރުން މަހާސިންތާ ފުރިހަމަކަމާއެކު ނިންމާލެއްވުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.
ބޮޑުތިލަދުންމަތީގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ޚާއްޞަކޮށްގެން މި މަހުގެ 25 ވަނަ ދުވަހު ފެށިގެން ކުރިއަށް ގެންދިޔަ މި މަހާސިންތާގައި މި ތިން އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ 70 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގެ ވަގުތެއްގައި އިހަވަންދޫގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!