ބޯގަންވިލާ ހެއްދުމަށް ކަނޑާނީ 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ ދިގުމިނުގެ، މެދުމިނަކަށް ހަރު ނުވަތަ ޅަ ކުރިއެވެ. ކުރި ކެނޑުމަށްފަހު، އެންމެ ކުރީގެ 2 ފަތް ފިޔަވައި، ތަނޑު ބޭންދުމަށްފަހު، ކަތުރަކުން ނުވަތަ ޕްރޫނިންގ ޝިއާރއަކުން ދެން ހުރި ފަތްތައް ވަކިކޮށްލާށެވެ. ގެންގުޅުމަށް ފަސޭހަކުރުމަށް ކަށިތަކުގެ އެންމެ ތޫނު ކޮޅުތައް ކަނޑައިލެވިދާނެ އެވެ. ކުރިކޮޅުގެ ބުޑު 45 ޑިގްރީއަށް ރީތިކޮށް އެއް ކެނޑުމަކަށް ކަނޑާލާށެވެ. ނުވަތަ ބުރިކޮށްލާށެވެ.
އެއަށްފަހު، ވިޓަމިން ބީ 1 ކަހަލަ މޫލެއްވުމަށް ބާރުއަޅާ އެއްޗެއް ނުވަތަ މެކްސިކްރޮޕް ފަދަ ގަހުގެ އާއްމު ހާލަތު ރަނގަޅުކޮށްދޭ ކާނާއެއްގެ 5 އެމްއެލް، 1 ލީޓަރު ފެނަށް އަޅާފައި ކުރިތަކުގެ ބުޑު އެފެނުގައި ޖެހޭގޮތަށް 1 ގަޑިއިރު ބަހަައްޓާށެވެ. ނަތީޖާ އިތުރަށް ރަނގަޅުކޮށްލަން ބޭނުންނަމަ، އިންދަންވުމުން ކުރި ނަގައިގެން ރޫކްޓާ ނުވަތަ ފޮނިތޮށި ކުނޑިފަދަ އެއްޗެއް ބުޑުގައި ހާކައިލާށެވެ. ނުވަތަ އޭގައި ޖައްސާލާށެވެ.
ބޯގަންވިލާ ކުރި ނުވަތަ ދަނޑި ރޯކުރަން އިންދަން ރަނގަޅީ ނާސަރީކުރާ ކަޅު ކޮތަޅު ނުވަތަ ފުޅިބުރީގައެވެ. ފުޅިބުރީގައި އިންދާނަމަ ފުލުގައި ލޯވަޅު އަޅަން ވާނެއެވެ. އެއަށްފަހު އާދައިގެ ތަންކޮޅެއް ފުއް ބޯ ކަޅުފަސް އަޅާށެވެ. ކުރިން މިބަޔާންކުރެވުނު ގޮތަށް ކުރިކޮޅު ތައްޔާރުކުރުމަށްފަހު، ކޮތަޅުގައި ނުވަތަ ފުޅިބުރީގައި 2 އިންޗި ފުންމިނަށް ކުރިކޮޅު ވަންނަ ވަރަށް ދަނޑިކޮޅަކުން ވަޅުކޮޅެއް ހަދާށެވެ. އެއަށްފަހު ކުރި ކޮޅު އެވަޅުގައި އިންދައި ކުޑަކުޑަކޮށް ބުޑަށް ފަސް ބާރުކޮށްލާށެވެ. އެއަށްފަހު ފެންދޭށެވެ. ދެން އަލި ޕްލާސްޓިކް ކޮތަޅެއް، ނުވަތަ ފުޅިބުރިއެއް ކުރީގައި ނުޖެހޭވަރަށް، ކުރިކޮޅުގެ މަތިން މަހައިލުމަށްފަހު، އުފެދޭ އާވި ބޭރުނުވާވަރަށް މަޑު ފޮތިކޮޅަކުން ތިރި އައްސައިލާށެވެ.
ރޯކުރަން މިގޮތަށް ޖަހާކުރި އަބަދުވެސް ބަހައްޓާނީ ސީދާ އިރުގެ އަވި ނުލިބޭ، ނަމަވެސް އަލި ލިބޭ އަދި ވައި ދައުރުވާ ތަނެއްގައެވެ. މަތިން އެޅި ކޮތަޅު ނުވަތަ ފުޅި ނަގާނީ 15 ދުވަސް ފަހުންނެވެ. އެމުއްދަތުގައި މާބޮޑަށް ފަސްގަނޑު ހިކިގެން ނުދާނަމަ ފެން ނުދޭށެވެ. ކޮތަޅު ނަގާ ދުވަހުން ފެށިގެން 2 ދުވަހުން 1 ދުވަހު (ވިއްސާރަ ނޫންނަމަ) ފެންދޭށެވެ.
އިތުރު 1 މަސް ދުވަސް ފަހުން ކުރި ހުންނާނީ އިންދަން ބޭނުންވާ ތަނަކަށް ބަދަލުކުރާވަރަށް ނުވަތަ ރިޕޮޓްކުރާ ވަރަށް މޫ ލައި ފަތާއި އިތުރު ކުދި ކުރި ޖަހަންފަށާފައެވެ. ދެން އޮތީ ރޯކުރި ކުރި އިންދުމެވެ.
ރާއްޖޭގެ ކަޅުފަހުގައި ބޯގަންވިލާ ހެދުނު ނަމަވެސް، ރީތިކޮށް ހައްދަން ބޭނުންވާނަމަ މިގޮތަށް ފަސްގަނޑު ތައްޔާރުކުރާށެވެ. ޕޮޓުގައި އިންދާނަމަ 12 އިންޗި ޕޮޓެއް، ބިމުގައި އިންދާނަމަ 1 ފޫޓު 1 ފޫޓުގެ ވަޅެއް ހަދާށެވެ. 2 ރިވާ ސޭންޑް (ހިމުން މުށި ހިލަވެލި)، 1 ބޯ ހިލަވެލި އަދި 1 ޔުނިގްރޯ އެއްކުރުމަށްފަހު ޕޮޓަށް ނުވަތަ ވަޅުގަނޑަށް އަޅާށެވެ. މި މިކްސް އަޅާފައި ފެން އެޅުމުން ޕޮޓު ނުވަތަ ވަޅުގެ މަތިން 2 އިންޗި ހުންނަންވާނެއެވެ.
ކުރި އަލުން އިންދުމަށް ކުރިން އިންދި ކޮތަޅުން ނުވަތަ ފުޅިބުރުން ކުރިކޮަޅު ނަގާއިރު ސަމާލުވާން ޖެހެއެވެ. މިގޮތުން ފުރަތަމަ ފެން އަޅައި ފަސްގަނޑު ތެތްމައިލުމަށްފަހު ކޮތަޅު ނުވަތަ ފުޅިބުރި ފަޅައިލުމަށްފަހު ފަސްކޮޅު ރޫޅައި ނުލާ ކުރި ނަގާށެވެ. ނެގުމަށްފަހު އިންދަން ބޭނުންވާ ތަނުން ނުވަތަ ޕޮޓުން ހަމަ އެހާ ފަސް ލެވޭވަރުގެ ވަޅެއް ހެދުމަށްފަހު ކުރި އިންދާށެވެ. އެއަށްފަހު މަޑުމަޑުން ފަސް ބާރުކޮށްލައި ކުރިން ބުނިގޮތަށް ބީ 1 ގިރާފައި ބުޑަށް އަޅާށެވެ.
ގިނައިން މައު އެޅުވުމަށް ދެވިދާނެ ބައެއް ކާނާ
އެއަށްފަހު އަދި އާއްމުކޮށްވެސް ބޯގަންްވިލާ ގަހަށް ފެންދޭނީ ފަސްގަނޑު އެއްކޮށް ހިކުމުންނެވެ. އިންދާތާ 1 މަސް ވުމުން ހަފުތާއަކު 1 ދުވަހު ފްލޯރަލް 20،20،20 ފަދަ ހަމަހަމަ ކާނާއެއް ބުޑަށް އަޅަމުން ނުވަތަ ފަތްތަކަށް ސްޕްރޭކުރަމުން ގެންދާށެވެ. ފްލޯރަލް ދޭނީ 2 ގުރާމް 1 ލިޓަރު ފެނުގައި ގިރައިފައެވެ. ބޯގަންވިލާ ގަސް ރަނގަޅަށް ހެދުމަށާއި ގިނައިން މައު އެޅުމަށް މަދުވެގެން ދުވާލަކު 6 ގަޑިއިރުގެ އަވި ބޭނުންވެއެވެ.
ގަހުގައި މައު އަޅާވަރުވުމުން ގިނައިން މައު އެޅުވުމަށް ޕޮޓޭސިއަމް މަތި ކާނާއެއް ކޮންމެ 15 ދުވަހަކުން ބުޑަށް އަޅަމުން ގެންދާށެވެ. އޮށްކާނާ 8.24.24 ނުވަތަ ޓްރިޕްލް ސުޕަރ ފޮސްފޭޓް (ޓީއެސްޕީ) 3 ގުރާމް ބުޑަށް ވިއްސާލާފައި ފެންދެމުން ގެންދާށެވެ. ނުވަތަ ކޭ40ގެ 2 ގުރާމް 1 ލިޓަރު ފެނުގައި ގިރާފައި ބުޑަށް އަޅަމުން ނުވަތަ ގަހަށް ސްޕްރޭކުރަމުން ގެންދާށެވެ.
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!