މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގެ މައްޗަށް "ބޮޑުތަކުރުފާނު"، މި ނަމުގައި ފިލްމެއް އުފައްދަން ތައްޔާރު ވެއްޖެ އެވެ.
މި ފިލްމު ތައްޔާރުކުރަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުންނެވެ. މި ފިލްމު ރަސްމީކޮށް އިފްތިތާޙު ކޮށްފައިވަނީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މުޙައްމަދުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމްގައި ބޭއްވި ޖަލްސާގައެވެ.
ފިލްމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވީ އެއީ އަންނަން އޮތް ޖީލުތަކަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި, ޤުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާ ހަމައަށް އެޖިހާދު ގެނެސްދިނުމަށްޓަކައި ފެށި ވަރަށްބޮޑު ޕްރޮޖެކްޓެއްކަމަށެވެ.
އަދި މި މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
" ބޮޑުތަކުރުފާނުގެ ވާހަކަ 5 ފަހަރު އެއްކޮޅުން އަނެއްކޮޅަށް ކިޔައިފިން. ކޮންމެ ފަހަރަކުމެ ކިޔަމުންދާއިރު އެކުރެއްވި ބޮޑު ޖިހާދުގެ ވަރުގަދަ ޤުރުބާނީގެ އާވިސްނުންތަކެއް އާއިހުސާސްތަކެއް ކުރެވޭ "
މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނުގެ ވާހަކައިގައި ހިނގާ ކޮންމެ ހާދިސާއަކީ އޭގެ މައްޗަށް ފުންކޮށް ނަޒަރުހިންގާ ވިސްނާލާއިރު އޭގެއިން ބޮޑަތި ޢިބްރަތްތަކެއް ލިބޭ, ދީނާ ޤައުމަށްޓަކައި އަމިއްލައަށް ޤުރުބާންވާންޖެހޭކަމުގެ ފުރިހަމަ އިހުސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއްކަމަށްވެސް މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ތިލަދުންމަތީ އުތުރުބުރީ އުތީމަށް ނިސްބަތްވާ ދިވެހި ބަޠަލް މުޙައްމަދު ތަކުރުފާނުގެ މި އިބްރަތްތެރި ވާހަކައަށް ނިސްބަތްކޮށް އުފައްދާ މި ފިލްމް ޑައިރެކްޓް ކުރާނީ ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރ އަޝްހަރު ވަޙީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!