ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހދ. ނޭކުރެންދޫ، ވާރޭވިލާ، ފާޠިމަތު ސާލިޔާއަށް ލިބިއްޖެއެވެ.

ސާލިޔާއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ، ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުންނެވެ.

Ad
rt

މި އިނާމް އަރުޝަދާއި ހަވާލުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ.

ސާލިޔާއަކީ ރާއްޖޭގައި ބާއްވާ އަންހެނުންގެ ފުޓްބޯޅަ މުބާރާތްތަކުގައާއި ފުޓްޝަލް މުބާރާތްތަކުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ.

މަދުރަސީ ދައުރުގައި ފުޓްބޯޅަ ކުޅުއްވަން ފެއްޓެވި ސާލިޔާ އޮފީސްތަކަށް ކުޅުއްވަން ފެއްޓެވީ 2007 ވަނަ އަހަރުއެވެ. އަދި ފާއިތުވި 13 ވަރަކަށް އަހަރު އޭނާ ވަނީ ގައުމީ ޓީމަށާއި، މާލެއާއި އަތޮޅުތަކުގެ ޓީމުތަކަށް ކުޅުއްވާ ގިނަ ކާމިޔާބީތަކެއް ހޯއްދަވައި ދެއްވާފައި ވެއެވެ.

ރޭގެ ރަސްމިއްޔާތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވިއެވެ.

މީގެތެރެއިން ތިލަދުންމަތިން ސާލިޔާގެ އިތުރުން ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން ހއ. ހޯރަފުށި، ހުސްނުހީނާގެ، އަރުޝަދު އަޝްރަފްއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައިވާއިރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހއ. އިހަވަންދޫ، މޫރިތިގެ ފަތުޙުﷲ އަޙްމަދުއަށް ވެސް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ. އަދި އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ހއ. އަހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)އަށް ވެސް ވަނީ ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.