ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ އަތޮޅު މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި އެވެ.

އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި މާރަންދޫ ކައުންސިލް އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މާރަންދޫ މަމްސް ޖަމިއްޔާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 23 އިން 25 ވަނަ ދުވަހާ ހަމައަށެވެ.

Ad
rt

ފުލުހުން ވިދާޅުވީ މާރަންދޫގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްތަކުގެ ތެރެއިން އެ ރަށު ސްކޫލުގެ ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުލާހެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، މި ކުލާހުގައި ދަރިވަރުންގެ އަހުލާގާއި ސުލޫކު ބައްޓަންކުރަންވީ ރިވެތި ގޮތާއި ރައްކާތެރިގޮތުގައި މީސްމީޑިއާ ބޭނުންކުރާނެ ގޮތުގައި މައުލޫމާތު ދިނުމުގެ އިތުރުން ސައިބަރ ކްރައިމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

އަދި ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި މާރަންދޫ ސްކޫލުގެ ގްރޭޑް 7، 8،9 އަދި 10 ގައި ތައުލީމު ހާސިލްކުރަމުންދާ 53 ދަރިވަރުން ބައިވެރިވި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން، އިހަވަންދޫގެ ފުލުހުން ވަނީ މާރަންދޫ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެންވެސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.
95 ބެލެނިވެރިން ބައިވެރިވި މި ސެޝަންތަކުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅޭގޮތުންނާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ.

އަދި ރިވެތި ސިފަތައް ބުނެދީ، ސިފަތައް ދަސްކޮށްދިނުމަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންދެވުނު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ސެޝަންތަކުގެ އިތުރުން ފުލުހުން ވަނީ މާރަންދޫގައި ޕެޓްރޯލްކޮށް، އެރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފަކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އަދި އެރަށުގައި ދުއްވާ އުޅަނދުތައް ބަލައިފާސްކުރުމަށް ހިންގި ހަރަކާތުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތަކުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމުގެ އިތުރުން ޓްރެފިކް އެހެނިހެން ވައިލޭޝަންތައް ބަލާފައިވާކަން ފާހަގަކުރެއްވިއެވެ.

މާރަންދޫގައި ތިން ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން އެރަށުގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެރަށު ސްކޫލުގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ އިތުރުން، އެރަށުގައި ހުރި މުއައްސަސާތަކުން އެކުލަވާލި ޓީމަކާއި ފުލުހުންގެ ޓީމާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސް ކުޅެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.