އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދަނިކޮށް އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރު ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމަކީ އއ. ހިމަންދޫއަށް ނިސްބަތްވާ އޮފިސަރެކެވެ.
2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ފުރިހަމަ ކުރަމުންދިޔައީ 2021 މާރިޗް 1 އިން 2004 މާރިޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.
ސުލްތާން ނިޔާވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް އިއްޔެ މެންދުރުފަހުއެވެ.
ސުލްތާންގެ މަރާ ގުޅިގެން ޕޫނޭގެ ނޭޝަނަލް ޑިފެންސް އެކެޑެމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރެއިނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު، އޭނާއަށް ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.
ސުލްތާންގެ މަރު އިތުރަށް ތަހުގީގުކުރުމަށް ކޯޓް އޮފް އިންކުއަރީން ވެސް އަންގައިފައިވާ ކަމަށާއި، ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ވެސް ނިންމައިފައިވާ ކަމަށް އެންޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ކަން ކަން ފުރިހަމަކޮށް، ދިވެހި އެމްބަސީގެ އެހީތެރިކަމާއެކު ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފަވެއެވެ.
ސުލްޠާން ނިޔާވެފައި ވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި އިއްޔެ އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ.
"މިއަދު މެންދުރުފަހުއޮތް މިދުވުމުގެތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވަނީ ނިޔާވެފައެވެ." ސުލްތާންގެ މަރާ ގުޅިގެން އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފަވެއެވެ.
ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހަށް ދިއުމުގެ ކުރިން ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން މަސައްކަތްކުރައްވަމުން ގެންދެވީ އިންޓަގްރޭޓެޑް ހެޑްކްއޯޓަރޒް (ޖޭ-1) ގައެވެ. ލާންސް ކޯޕްރަލް މުޙައްމަދު ސުލްތާން އަށް ލާންސް ކޯޕްރަލް ކަމުގެ ރޭންކް ލިބިފައިވަނީ މި ކޯސް ފުރިހަމަ ކުރަމުން ދަނިކޮށްކަމަށް ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!