ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މުޅި ރާއްޖެއަށް މިއިން ޒަމާނަކު ދިމާނުވާވަރުގެ އިޤުތިޞާދީ ބޮޑު ހީނަރުކަމާ އެކީގައި ވެސް ސަރުކާރުގެ ސްޕީޑު މިވަގުތު ހުރީ %99.99ގައި ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ، ވ. ފެލިދޫ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެ ވަޑަައިގެން ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ މިވަގުތުން ވަގުތައް ރާއްޖޭގައި މި ސަރުކާރުން ހިންގަމުންދަނީ ކިތައް ބާވަތުގެ ކިތައް އުމުރާނީ މަޝްރޫޢުތޯ ބަލައިލަން ޖެހޭކަމަށެވެ.
މިގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގައި މިވަގުތު އެތައް މަޝްރޫޢުއެއް ހިނގަމުންދާ ކަމަށާއި، މިގޮތުން އެތައް ބަނދަރުތަކަކާއި، ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި، ބޯފެނުގެ ނިޒާމާއި، ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމާއި، މަގުތައް ހެދުމާއި، ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތައް އިމާރާތް ކުރުމާއި، އިންޖީނުގޭތަކާއި އެތަންތަނުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މަޕްޓި ޕާޕަސް ހޯލްތަކާއި، ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތަކާއި، ބިންހިއްކުމާއި، އެއާޕޯޓްތައް އެޅުންފަދަ އެތައް މަޝްރޫޢުއެއް މިހާރު ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ 2018ގެ ފަހުން ލައްވާލި ކަންކަން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު ޢަލީ ރިޟާ ވިދާޅުވީ، މިއީ ކުރީންސުރެ ހައްލު ބޭނުންވެފައި ހުރި ރައްޔިތުންގެ އެތައް އަސާސީ ހައްގުތަކާއި ގުޅިފައި ހުރި ކަންކަން ކަމަށާއި، އެ އަސާސަސީ ޙައްޤުތައް 2018 ވަނަ އަހަރާ ހިސާބަށް އައިއިރު ކިތައް ރަށުގައި ގާއިމު ކުރެވިފައި އޮތްތޯ ބަލައިލުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ހއ. ތުރާކުނުން ފެށިގެން އައްޑޫ އަތޮޅު ހިތަދޫއާ ދޭތެރޭގައި ހަމަ އެންމެ ރަށެއް ވެސް މި ވަގުތު ސަރުކާރުގެ ޕީ.އެސް.އައިޕީގެ ތިންހަތަރު ޕްރޮޖެކްޓް ނުހިނގާ ރަށެއް ނެތް ކަމަށެވެ.
"ސަރުކާރުގެ ސްޕީޑު މި ވަގުތު ހުރީ އަޅުގަނޑު ދަންނަވާނީ، މުޅި ދުނިޔެއަށް މި ދިމާވި ކޮވިޑުގެ ދަތިއުނދަގޫ
ބަލި ހާލަތާ އެކީގައި، އަދި މުޅި ރާއްޖެއަށް މިއިން ޒަމާނަކު ދިމާނުވާވަރުގެ އިޤުތިޞާދީ ބޮޑު ހީނަރުކަމާ އެކީގައި
ވެސް ސަރުކާރުގެ ސްޕީޑު މިވަގުތު ހުރީ %99.99ގައި، އެ ސްޕީޑުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެމަސައްކަތް އަޅުގަނޑު ހިތުން އަޅުގަނޑަށް ޔަގީން މަސައްކަތްކުރަމުން އެބަ ދާކަން. އެކަމަށް ހެކިވަނީ ދިވެހިރައްޔިތުން." ޢަލީ ރިޟާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފެލިދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރަން ޖެހޭނެ ކަމަށާއި، ހަމައެގޮތަށް މިލަންދޫގެ ގިރާ ސަރަޙައްދު ވެސް ހިމާޔަތްކުރަން ޖެހޭކަމަށެވެ.
ބަޖެޓަކީ އުއްމީދާއެކު ބަޖެޓަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ އަދަދަކަށް؛ ވަކި އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ލަފާކުރާ ކޮށް ހަދާ އެއްޗެއް ކަމަށާއި، އަދި ބަޖެޓް ހަދަނީ އެ އަދަދަށް ފައިސާ ލިބިއްޖެއްނަމަ އެ ކަންކަން ޕީ.އެސް.އައި.ޕީގެ ތެރޭން ކުރެވިގެން ދާނެކަމަށް އުންމީދު ކޮށްގެން ކަމަށެވެ. ނަމަވެސް، މި ވަގުތަކު ދިވެހިރާއްޖެއަކަށް އާމްދަނީއެއް އެވަރަކަށް ނުލިބޭކަން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"މިދިޔަ ދެ އަހަރުދުވަސް މި ދިޔައީ މުޅި ދުނިޔެ ބަންދުވެފައި އޮވެގެން. ދިވެހިރާއްޖެއަށް އެންމެ ގިނައިން ފައިސާ ލިބެން އޮތް ވަސީލަތް؟ ފަތުރުވެރިކަން ހީނަރުވެ، ނެތިގޮސްފައި އޮތީ. އަދި ކިރިޔާ އަޅުގަނޑުމެންނަށް އުއްމީދަކީ އެކީގައި މަސައްކަތް މި ކުރެވެނީ. އަޅުގަނޑު އުއްމީދުކުރަނީ، ވ. ފެލިދޫއަށް ދިމާވެފައި އޮތް މައްސަލައަށް ވެސް މި ސަރުކާރުން ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް." ޢަލީ ރިޟާ ވިދާޅުވިއެވެ.
2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދަވަމުން ގެންދަވާ ކަމަށް ޢަލީ ރިޟާ ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން، ބައެއް ކަންތައްތައް ކުޑަކޮށް ލަސްވެގެން އެބަ ދޭ، ލަސްވެގެންދަނީކީ ނުކުރާކަށް ނޫން. ލަސްވެގެންދަނީ ބަޖެޓުގައި ފައިސާ ނެތީމަ، އާމްދަނީ ނުލިބޭތީވެ އެ ކަންކަން ކުރާނެ ޖާގަ ބަޖެޓުން ނުލިވޭތީވެ. އަޅުގަނޑަށް ޔަގީން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވީ ހުރިހާ ވަޢުދުތަކެއް އިރާދަކުރެއްވިއްޔާ ފުއްދަވާނެކަން. އަދި އެޖެންޑާ 19 ގައި ހިމެނިފައި ހުރި ކަންތައްތައް ވެސް ރަނުން ރަނަށް ފުއްދަވާނެކަން." ޢަލީ ރިޟާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު މިލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރަން ބަޖެޓުގައި ހިމެނުއްވި ކަމަށާއި، 2020 ވަނަ އަހަރުގެ ބަޖެޓުގައި ވެސް އެމަޝްރޫޢު ހިމަނާފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އެ މަޝްރޫޢު ހިންގަން ފައިސާ ނުލިބުނީމާ އެ ކަންކަން އޮތީ ލަސްވެފައިކަމަށެވެ. އެހެންކަމުން އެކަން 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އުއްމީދުކުރަށް ވަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އެ މަސައްކަތް ވެސް ކޮންމެވެސް ބަޔަކާ ކޮންޓްރެކްޓްކުރެވިގެންދާނެ ކަމަށާއި، އަދި ހަމަ އެއާއެކީގައި ފެލިދޫގެ މި މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!