ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ މައްޗަށް އެކުލަވާލެވޭ ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި އަންނަ އަހަރު އެ މަގުން އެސިނާޢަތުގެ މަސައްކަތް ތަރުތީބު ވެގެންދާނެކަމަށް ޓޫރިޒމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ މިދިޔަ މި މަހުގެ 27 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއިގުޅިގެން ނެރުނު ބަޔާނުގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަކީ ތަފާތު އެކި ޖަޒީރާވަންތަ ސިފަތަކާ، ބަވަނަވަމުންދާ ދުނިޔޭގެ ރަހަތަކާއި ކުލަތަކާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ސަޤާފަތާއި އާދަކާދަތަކާއެކު ސިންދަފާތު ފަތުރުވެރިކަމުގެ މައްޗަށް ބައްޓަން ކުރެވޭނެ އާ ޒަމާނެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ޝިޢާރުގައިވެސް އަލިއަޅުވާލާފައިވާ ފަދައިން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ފަހި ފުރުޞަތުތަކެއް ހުޅުވާލުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މިވަނީ ރާއްޖޭގެ ހުރިހައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޕެކްޓްކޮށް ނިންމާފައި ކަމަށާއި މި ފެށުމާއެކު، ސަލާމަތާ ރައްކާތެރިކަމުގެ ޒަމާނީ މިންގަނޑުތަކާއި، ސާވިސް ޗާޖު، މުވައްޒަފުންގެ ރޭޝިއޯ އަދި މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމުގައި އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ﷲ އިރާދަފުޅުން އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަސްކަމުގައިވާ މެއި މަހުގެ 1 ވަނަ ދުވަސް އަޅުގަނޑުމެން ފާހަގަކުރާނީ މިދެންނެވި އެންމެހައި ކަންކަމަށް ސިޔާސަތުތައް އެކަށައެޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވޭ ފަތުރުވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންގެ ދަފްތަރާއެކުގަ. ހަމަ މިއާ އެކު ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ މައްޗަށް އެކުލަވާލެވޭ ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި މިފެށޭ އަހަރު އެ މަގުން މިސިނާޢަތުގެ މަސައްކަތް ތަރުތީބު ވެގެންދާނެކަން ޔަޤީން"
އަލީ ވަހީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މިއަދު މިދެކޭ ދުނިޔޭގެ އެންމެ މަތީ ހަރުފަތްތަކަށް ގެނައުމުގެ ހަޤީޤީ މޭސްތިރިންނަކީ މި ސިނާޢަތުގެ ފައުންޑަރ މެންބަރުން ކަމަށްވާ ދޭސީ ބިދޭސީ އިންވެސްޓަރުން ކަމަށާއި މިދިޔަ 47 އަހަރު މި ސިނާޢަތަށް ޚިދުމަތްކުރުމުގައި ދެމި ތިބި ހީވާގި ކުޅަދާނަ މަސައްކަތްތެރިން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ﷲ އިރާދަފުޅުން އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި ކުރާ މަސައްކަތުން އަޅުގަނޑުމެން އުންމީދުކުރާ އަމާޒުތަކަށް ވާޞިލުވެވޭނެކަން ކަށަވަރު. ރައީސުލްޖުމްހޫރިއްޔާގެ ފަތުރުވެރިކަމުގެ ވަޢުދު ރަނުން ރަނަށް، އަކުރުން އަކުރަށް މި ފަސް އަހަރުގެ ތެރޭގައި ހާޞިލު ކުރެވޭނެ. ދިވެހިން، ދިވެހިންގެ އިޤްތިޞާދީ މައި ނާރެހުގެ ހުންގާނުގައި ހިފާނެ. މަތީ މަޤާމުތަކަށް ދިވެހިންނަށް އާދެވޭނެ މަގު ކޮށިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ހުނަރުވެރި ވަޒީފާތަކުގައި ދިވެހިންނަށް ފައިތިލަ ސާބިތުކުރުމުގެ ހުނަރާއި ފަހި ފުރުޞަތު ހޯދައިދީ ދިވެހި އަންހެނުން ފަތުރުވެރިކަމުގެ ސިނާޢަތުގައި އިތުރުވެގެންދާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ފަތުރުވެރިކަމަށް އެދި އެދި ތިބި ރާއްޖޭގެ އެކި އަތޮޅުތަކުގައި މުޅިން އާ މަޝްރޫޢުތައް މިފެށޭ ފަތުރުވެރިކަމުގެ އާ އަހަރާއެކު ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!