ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ފިޔަވަތީގައި ތިބި ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި ނައިބު ރައީސް ވަނީ ހުޅުމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހިންގަމުން އަންނަ ފިޔަވަތީގައި ފާއިތުވި ތިން ދުވަހު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން، ފާއިތުވި 3 ދުވަހު މެދުނުކެނޑި ހަމަނުޖެހުން ހިންގަމުން އައިސް ރޭ ވަނީ ފިޔަވަތީގައި އަލިފާންވެސް ރޯކޮށްލާފައެވެ. އަދި އެ ސަރަހައްދުން މަންޒަރު ފެނުނު ގޮތުގައި އެތަނުގައި ކުދިން ކުޑަދޮރުން ނުކުމެ ފުރާޅު މައްޗަށް އަރާ ހަޅޭއް ލަވާހަދާފައި ވެއެވެ.
އިއްޔެ ވެސް އެކުދިން ވަނީ ފުރާޅުތައް މައްޗަށް އަރައި، އެތަނުގެ ބިއްލޫރިތައް ތަޅާލާ އެ ބިއްލޫރިތައް މަގުމަތީގައި ތިބި މީހުންނާ ދިމާލަށް އުކާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.
އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސްގެ ޓީމަކުން މިކަމާގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުން ދާކަމަށާއި އަދި، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އަންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!