ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އޭނާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރައްވާ ދާއިރާގެ ދެ ރަށް ކަމުގައިވާ ކުމުންދޫއާއި، ނޭކުރެންދޫގައި، ދެ ޓިއުޝަން ސެންޓަރު ހުޅުވައިފިއެވެ.
މިގޮތުން ކުމުންދޫގައި "މީޒާން ޓިއުޝަން ސެންޓަރ" ގެ ނަމުގައި ހުޅުވު ޓިއުޝަން ސެންޓަރާއި، ނޭކުރެންދޫގައި " ރާސްތާ ޓިއުޝަން ސެންޓަރ" ގެ ނަމުގައި ހުޅުވި ޓިއުޝަން ސެންޓަރ ރަސްމީކޮށް 09 ސެޕްޓެމްބަރ 2021 ވީ ބުރާސްފަތި ދުވަހު ހުޅުވައި ދެއްވާފައި ވަނީ ރާޢީއެވެ.
މި ދެ ސެންޓަރުން ކުމުންދޫއާއި ނޭކުރެންދޫގައި ޤްރުއާން އުނގެނެން ބޭނުންވާ އެންމެހާ ކުދިންނަށް އެއްވެސް ފީއަކާއިނުލައި ޤްރުއާން ކިޔެވޭނެ މަގު މެމްބަރ ރާޢީ ވަނީ ހަމަޖައްސަވައި ދެއްވާފައެވެ.
މި ދެ ޓިއުޝަން ސެންޓަރުގެ ކްލާސް ރޫމްތައް ތަރައްގީކޮށްފައި ވަނީ އެންމެ ޒަމާނީ ފެންވަރަށެވެ. އަދި މި ދެ ސެންޓަރުގައި ފަހުގެ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ.
މެންބަރު ރާއީގެ މި އިސްނެންގެވުމާއި، މަދަދުވެރިކަމާއެކު އެ ދެރަށުގެ ދަރިންނަށް ރަށުގައި ތިބެގެން ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ކީރިތި ޤުރުއާންގެ ޢިލްމް އުނގެނުމުގެ މަގު ފަހިވެގެން ދާނެއެވެ.
މީގެއިތުރުން މި ސެންޓަރުތަކުން ދަރިވަރުންނަށް ހިލޭ ކިޔަވައިދޭން ނިންމާފައިވުމީ ބެލެނިވެރިންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއިކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!