އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ފެންނަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.
މިގޮތުން ސަރުކާރުގެ ރަސްމީ ޓްވީޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ. އަތޮޅު ހޮސްޕިޓަލަކީ މީގެ ކުރިން ކޮންމެ 3 އަހަރަކުން 10 ސަރޖަރީ ހެދޭ ހޮސްޕިޓަލެއްކަމަށާއި ނަމަވެސް، މިއަދު މިވަނީ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ސަރޖަރީ ހަދާފައި ކަމަށެވެ.
އަދި ސީ.ޓީ.އެސް، ތައިރޮއިޑް ސަރޖަރީ، އަދި ކަރުން މަތީގެ ތަފާތު ސަރޖަރީތައް ވަރަށް ކާމިޔާބުކަމާއެކު އެ ހޮސްޕިޓަލުގައި ކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއްވި އެވެ. އަދި އެ ހޮސްޕިޓަލުން ވަނީ ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ދެފަހަރެއްގެ މަތިން ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.
" ށ. އަތޮޅު ހޮސްޕިޓަލުގައި އިންފަރޓިލިޓީ ޓްރީޓްމަންޓް ދެމުން ގެންދޭ. އަދި އެ ހޮސްޕިޓަލްގެ ލެބޯރެޓަރީން ހޯމޯނަލް އާއި ވިޓަމިންޑީ އިންވެސްޓިގޭޝަންސް ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައި."
ސަރުކާރުގެ ޓްވީޓުގައި ވިދާޅުވިއެވެ.
ށ. އަތޮޅު ހޮސްޕިޓަލް:
މިސަރުކާރުން އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ހޮސްޕިޓަލެއް. މީގެ ކުރިން ކޮންމެ 3 އަހަރަކުން 10 ސަރޖަރީ ހެދޭ ހޮސްޕިޓަލެއްގައި މިއަދު މިވަނީ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ސަރޖަރީ ހަދާފައި. pic.twitter.com/39ranGsCEJ— Government of Maldives (@governmentmv) September 7, 2021
އަދި ށ. އަތޮޅުގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކްއިޕްމަންޓްތައް މިދިޔަ 2 އަހަރު ތެރޭގައިވަނީ ފޯރުކޮށްދެވިފައިކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މި މުއްދަތުގެތެރޭގައި ޚިދުމަތުގެ ފެންވަރަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން 1,000 ން 2,500 އަށް ޕޭޝަންޓުންގެ އަދަދު ވަނީ އިތުރުވެފައިކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވަނީ އިއްޔެ ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.
ރައީސްގެ ދެކަނބަލުން އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައިވަނީ ށ. އަދި ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ފުނަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!