ށ. ކަނޑިތީމު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި އެރަށު ސްކޫލްގެ ދަރިވަރެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކަނޑިތީމު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުޙައްމަދު ފަހުމީ "ތިލަދުން"އަށް ވިދާޅުވީ، ބަލީގެ އަލާމާތްތައް ހުރެގެން އެ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެކުއްޖާއަކީ ސްކޫލް ދަރިވަރެއް ކަމަށް ވެސް ފަހީމް ވިދާޅުވިއެވެ.
"މި ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މިރޭ، އަޅުގަނޑުމެން މިހާރު މިދަނީ މި ކޭހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން" ފަހުމީ ވިދާޅުވިއެވެ.
ޕޮޒިޓިވް ކޭހެއް ފެނުނު ނަމަވެސް އަދި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެއް ނުވެއެވެ.
މިއަހަރުގެ މޭ މަހުގެ 10 ވަނަ ދުވަހު ނެގި 5 ރެންޑަމް ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވުމުން އެފަހަރު އެރަށް މަހަކަށްވުރެ ގިނަ ދުވަހު މޮނިޓަރިން ހާލަތުގައި އޮތެވެ. އެފަހަރު ބަލީގެ ހާލަތު ރަނގަޅުވުމުން އެރަށް އާންމު ހާލަތަށް ގެނައީ ޖޫން 19 ވަނަ ދުވަހުއެވެ.
ކަނޑިތީމު ފްލޫ ކްލިނިކަށް ދެއްކި އެރަށު ސްކޫލްގެ ދަރިވަރެއް ޕޮޒިޓިވްވެފައިވާއިރު، އަލާމާތް ހުރެގެން އެ އަތޮޅު މިލަންދޫ ފްލޫ ކްލިނިކަށް ދެއްކި ބޮޑު މީހަކާއި، ތިން ކުޑަކުދިން ވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.
މީގެއިތުރުން ކޯވިޑްގެ ސަބަބުން އެ އަތޮޅު ފީވައް ވެސް އޮތީ މޮނިޓަރިންގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!