ހދ. ކުޅުދުއްފުއްޓާއި ހދ. ވައިކަރަދޫގައި، ސްކައުޓުން ބައިނަލްއަޤުވާމީ ސުލްހައިގެ ދުވަސް ފާހަގަކޮށްފިއެވެ. މި ހަފްތާގެ ތެރޭގައި ސުލްހައިގެ ދުވަސް ފާހަގަކުރުމަށް، މުޖުތަމަޢަށް ފައިދާހުރި ބައެއް ހަރަކާތްތައް، މި ސްކޫލުތަކުގެ ސްކައުޓުންވަނީ ހިންގާފައެވެ.

އެގޮތުން، މި ހަފްތާގެ ހޯމަ ދުވަހު، ޖަލާލުއްދީން ސްކޫލުގެ، 12 ވަނަ ހދ. ސްކައުޓު ގްރޫޕުންވަނީ ކުޅުދުއްފުށީ އެއަރޕޯޓު ހުންނަ ސަރަޙައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޖުމުލަ 49 ފަރާތުން ބައިވެރިވެފައިވާއިރު، 120 ގަސްވަނީ އިންދާފައެވެ.

Ad
rt

މީގެއިތުރުން، ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު ސްކޫލުގައި އޮންނަ ދެވަނަ ހދ. ސްކައުޓު ގްރޫޕުންވަނީ ސުލްހައިގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުމުގައި އެސްކޫލުގެ 74 ކަބްސްކައުޓުންނާއި، 53 ސްކައުޓުންނާއި، ފަސް ސްކައުޓު ލީޑަރުން އަދި ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި، އެކި ޝިއާރުތައް ހިމެނޭ ބޯޑުތައް ހިފައިގެން ސްކައުޓުން ތިބިއިރު، ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ވައިކަރަދޫގެ ބޮޑެތި މަގުތަކުގައެވެ.

މި އަހަރުގެ ސުލްހައިގެ ދުވަހުގެ ޝިއާރަކީ "ކްލައިމެޓް އެކްޝަން ފޯރ ޕީސް" އެވެ.