ށ. މާއުނގޫދޫ އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން އެރަށުގައި ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ ޢުމުރުން 8 އަހަރުންމަތީ ދެޖިންސުގެ ފަރާތްތަކަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

މި ޕުރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ބައިވެރިވާން އެދި ހުށަހަޅާ ފޯމް މާއުނގޫދޫ ކައުންސިލް އިދާރާއިން ލިބެންހުންހާނެ އިންތިޒާމް އެ ކޮމިޓީން ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމާއިގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން މާއުނގޫދޫ އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ސަލްމާ އަބްދުއްޞަމަދު "ތިލަދުން" އަށް ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މާއުނގޫދޫ މިސްކިތު 2 އިމާމުން ކަމަށެވެ.

ގާތްގަނޑަކަށް މަހެއް ހާދުވަހެއްގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމް ފަށާނެ ވަކި ތާރީހެއް އަދި ކަނޑަނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އިމާމުންނާ ވާހަކަ ދެކެވި އަންނަ މަސް ތެރޭ މި ޕްރޮގްރާމް ފެށޭ ވަރުވާނެކަމަށް ސަލްމާ ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަން ފާސްވުމުން ބައިވެރިންނަށް އެކަން ހިއްސާކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ކޮމިޓީން މިއަހަރު އެޑްވާންސް ފަހާ ކޯހެއް ހިންގުމަށްވެސް ރޭވިފާވާކަމަށާއި ނަމަވެސް ކިޔަވަދޭނެ ފަންނީ ބޭފުޅެއް ހޯދުމަށް ދިމާވާ ދަތިތަކުގެ ސަބަބުން ކޯސް ނުފެށިފާވާކަން ސަލްމާ ފާހަގަ ކުރެއްވިއެވެ.

މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މީގެ ކުރިންވެސް ވަނީ ގިނަ ހަރަކާތްތަކެއް އެރަށުގައި ހިންގާފައެވެ. އެގޮތުން، އެރަށު ގޮނޑުދޮށް ސާފުކުރުމާއި ނިމިދިޔަ އަޟްހާ އީދުގައި އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އެ ކޮމިޓީގެ ފަރާތުން އީދު ހަދިޔާ ބެހުން ފާހަގަކޮށްލެވެ އެވެ.