ށ. ފީވަކުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.

Ad
rt

އެ ރަށު ސިއްޙީ މަރުކަޒުން އާންމު ކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 3 ސާމްޕަލް އަކީ މިމަހު 1 ވަނަ ދުވަހު ނެގުނު ސާމްޕަލް ތަކެއްކަމަށެވެ.

އަދި ފީވަކުން ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް ފެސިލިޓީއަށް މިއަދު ގެންދެވިފާވާ ކަމަށްވެސް މައުލޫމާތުލިބެއެވެ.

އެރަށުން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުން ކަމަށް ބެލެވިގެން، އެ ފަރާތްތަކުގެ ސާމްޕަލްތަކާއި އެކު ފީވަކުން މިހާތަނަށް ޖުމްލަ 121 ސާމްޕަލްއެއް ވަނީ ނެގިފައެވެ. އޭގެ ތެރެއިން 49 މީހުން ޕޮޒިޓިވް ވިއިރު ނެގެޓިވް ވެފައިވަނީ 69 ފަރާތެއްގެ ސާމްޕަލްއެވެ.

އެރަށުން އަލަށް 3 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު، މިކޭސްތަކާއި ގުޅިގެން އެރަށުން އިތުރު ސާމްޕަލްތަކެއް ނެގުމަށް ހަމަޖެހިފަ ކަމަށް އެރަށު ސިއްހީ މަރުކަޒުން ހާމަކުރަށްވައެވެ.

މީގެއިތުރުން މި ދަނޑިވަޅުގައި ކެތްތެރިކަމާއި އެކު ގޭގައި މަޑުކުރަށްވާ ފަރުދީ ޒިންމާ އަދާކުރެއްވުމަށް ފީވަކު ކައުންސިލުން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެކްޓިވް ކޭސްތައް ތިބުމާއެކު މިހާރު އެރަށުން 16 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.