ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު 7 މީހަކު ކޯވިޑް-19 ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 18 ފަރާތެއްގެ ސާމްޕަލް މިއަދު ނަގައި ޓެސްޓް ކުރެވުނު އިރު، އޭގެ ތެރެއިން 7 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ.
ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
"ފުލޫ އޯޕީޑީއަށް ވަޑައިގެން ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކުރައްވައިގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދަވާ، ކަރަންޓީނުގައި ތިއްބަވާ ބޭފުޅުން ވެސް އެންމެންގެ ރައްކަލަށްޓަކައި ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަށް ދަންނަވަން." ކޭއާރުއެޗްއިން ވިދާޅުވެފަވެއެވެ.
މި ވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުން ސާޖިކަލް މާސްކު އަޅައިގެން އުޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ބައްދަލު ވާ މީހުންގެ އަދަދު މަދު ކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ނަސޭހަތްތެރިވެފައެވެ.
"ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރަން. އަދި ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހި، އާންމު ދިރިއުޅުމުގެ ކަންތައްތަކަށް ބުރޫ އަރާ ހިސާބަށް ދިޔަ ނުދިނުމަށްޓަކައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިންނާއި، ކަމުގެ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ދަންނަވަން." ކޭއާރުއެޗްއިން ވިދާޅުވެފަވެއެވެ.
އެ ހޮސްޕިޓަލްގެ ކޯވިޑް ހޮޓްލައިން ނަންބަރަކީ 7606688 އެވެ.
މިދިޔަމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ބަންދުކޮށްފައިވާއިރު، އެ ސިޓީގެ ކޯވިޑްގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!