މޯލްޑިވްސް ކަސްޓަމްސްގެ ބެލުގެ ދަށުގައި ހުރި 11100 ލީޓަރުގެ ބަނގުއާވި ނައްތާލައިފި އެވެ.
ކަސްޓަމްސް އިން ހާމަކުރެއްވި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
މި ތަކެތި ނައްތާލެވިފައިވަނީ ކަސްޓަމްސް އޮފިސަރުންނާއި އަދި މީޑިއާގެ ހާޒިރުގައި، ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި އެވެ.
މިގޮތުން 370 ކެގްސް ގައި ބަންދު ކުރެވިފައި ހުރި 11100 ލީޓަރުގެ ބަނގުއާވި ނައްތާލެވިފައިވާ ކަމަށާއި މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ނައްތާލެވުނު ތަކެތިކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ގަވައިދުގައި ބުނާ ގޮތުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވެން ޖެހޭނެއެވެ.
އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.
މިދިޔަ މަހުވެސް ކަސްޓަމްސް އިން ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!