ށ. ފީވަކުން ރޭ ނެގުުނު 3 ރޭންޑަމް ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ވަނީ މިއަދުން ފެށިގެން އެ ރަށުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް ނިންމާފައެވެ. އަދި ކެފޭ ރެސްޓޯރެންޓް ހޮޓާ ފަދަ ތަންތަނުން ޚިދުމަތް ދިނުން ހުއްޓާލުމަށްވެސް އެ ކައުންސިލުން ވަނީ އަންގާފައެވެ.

Ad
rt

މީހުން އެއްވެ އުޅޭ އެއްވެސް ހަރަކާތެއް މިދުވަސްވަރު ނުހިންގުމަށް އަންގާފާވާއިރު، ރޯގާ އަދި ހުމުގެ އަލާމާތެއް ހުރި ފަރާތްތަކުން ގޭގައި މަޑުކޮށްދެއްވުމަށް ފީވަކު ކައުންސިލް އަދި އެރަށު ސިއްޙީ މަރުކަޒުން އިލްތިމާސް ކުރައްވައެވެ.

މީގެއިތުރުން، މި ޙާލަތުން އަރައިގަނެވެންދެން ފީވަކަށް ހުއްދަނެތި އެއްވެސް ފަރާތެއް ނޭރުމަށާއި ފީވަކުން އެއްވެސް ފަރާތެއް ނުފުރުމަށް އެ ރަށު ކައުންސިލުން ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން އަށް ލާފައިވާކަމެއް އަދި އިނގިފައެއް ނުވެއެވެ.

ރާއްޖޭގެ ޖުމްލަ ކޯވިޑްގެ ނަންބަރު ދަށަށް ގޮސްފައިވީ ނަމަވެސް، އަތޮޅުތަކަށް މި ބަލީގެ ނުރައްކާ ކުޑަވެފައެއް ނުވެއެެވެ. ތިލަދުންމައްޗަށް ބަލާއިރުވެސް، އެންމެ އުތުރުގެ ވެރިކަންކުރާ ދެ ރަށް މިހާރުވެސް އޮތީ ކޯވިޑްގެ ސަބަބުން ބަންދުކޮށްފައެވެ. އެއީ، ހދ. ކުޅުއްފުށީ ސިޓީއާއި، ހއ. ދިއްދޫއެވެ.

ޢީދަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، އަތޮޅު ތެރޭގައި އިތުރަށް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް މިކަން ވަޒަންކުރާ ފަރާތްތަކުން ލަފާކުރަށްވައެވެ.