ހުއްޓިފައިވާ ހއ. އުލިގަމު ސިޓީ ހޮޓެލްގެ މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ތައުރީފް ކުރައްވައިފިއެވެ.
އުލިގަމުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް 27 ފެބްރުއަރީ 2007 ގައި އެމްޓީޑީސީ އާއި ކުރެވުނު އެގްރީމަންޓު 21 ޖުލައި 2015 ގައި ވަނީ ބާތިލު ކުރެވިފައިވާއިރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ކުއަންޓިޓީ ސަރވެޔަރުން ހޯދުމަށް ވަނީ އިއުލާނު ކުރެވިފައެވެ.
ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަޝްރޫއު ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރާއެކު ފާހަގަކުރާ ކަމަށެވެ. އަދި މިހާރު ހުރި އިމާރާތްތައް ވެލިއު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއި ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކޮށްފައިވާ އިންވެސްޓްމަންޓު ދެނެގަތުމަށް ފަހު އެ މަސައްކަތަށް އަލުން ބިޑަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، ހަރަދުތަކުގެ ތަފްސީލު ދެނެގަތުމަށް ފަހު، އެ ތަން ތަރައްޤީކޮށް ހިންގަން ބިޑް އުސޫލުން ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް އެންމެ ރަނގަޅަށް ކުރަން ބޭނުންވާނަމަ ޚަރަދުތަކުގެ ތަފްސީލު ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މި މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ކަނޑައެޅި 36 ހެކްޓަރުގެ ބިމުގައި އެމަސައްކަތް އަލުން ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ ގިނައަދަދެއްގެ ޔޮޓު ފަހަރު މީގެ ކުރިން އުލިގަމުގައި ބަނދަރު ކުރަމުން އައިސްފައިވާއިރު، އުލިގަމުގައި އެފަދަ ތަރައްޤީގެ މަޝްރޫއެއް ހިންގުމަކީ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެ، ރަށް ތަރައްޤީވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!