2014 ވަނަ އަހަރަށް ފަހަތަށްޖެހިލައި ހަނދުމަ އާކޮށްލާނަމެވެ. 9 ޖޫން 2014 ވަނަ ދުވަހު، އޭރުގެ 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާއަށް އޭރުގެ މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ އަނާރާ ނައީމް ނުކުޅެދުންތެރިކަން ހުންނަމީހުންގެ ހައްޤުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު 8/2010 އަށް " ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައިވާ ނިސްބަތަށްބަލައި މަދުވެގެން ކޮންމެ މީހަކަށް 5000 ރުފިޔާ ހަމަޖެއްސުމަށް " އިސްލާޙެއް ހުށައެޅުއްވިއެވެ.

1 ޖުލައި 2014 ވަނަ ދުވަހުއޮތް 18 ވަނަ މަޖިލިސްގެ 2 ވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި މިއިސްލާހާމެދުގައި ތަޅުމުގައި ބަހުސް ކުރަން ފެށުނެވެ. ބަހުސްގައި ބައިވެރިވެލެއްވި އެއްކޮޅާއި އިދިކޮޅުންވެސް އިސްލާހަށްތާޢީދުކޮށް ވާހަކަ ދެއްކެވިއެވެ.

Ad
rt

މަޖިލިސްތަޅުމުން ހޫނު ތަރުހީބެއްލިބުނު މިއިސްލާޙު ބަލައިގަނެ ކޮމެޓީއަށް ފޮނުވުނެވެ. މިބިލު އިޖުތިމާޢީ ކޮމެޓީގައި ދިރާސާކޮށް އިތުރަށް ފައްކާކުރީ ކަމާގުޅުން ހުރި ޖަމްޢިއްޔާތަކާއި، އެއްބާރުލުންދެއްވި ސަރުކާރުގެ މުއައްސަސާތަށް ކޮމެޓީއަށް ހާޟިރުކޮށް އެފަރާތްތަކުގެ ލަފަޔާވެސް އެކުގައެވެ.

ދެންކަންވީ ކިހިނެތްތޯއެވެ؟ އޭރުގެ ސަރުކާރަށާއި، ސަރުކާރު ތަމުސީލު ކުރައްވާ މެމްބަރުންގެ ވިސްނުމަށްއައީ މިއިސްލާހު ފާސްކޮށްފިނަމަ ހުރިހާ ކްރެޑިޓެށްލިބޭނީ މަކުނުދޫ ދާއިރާގެ އޭރުގެ މެމްބަރު އަލްއުސްތާޛާ އަނާރާއަށްކަމަށެވެ. ސަރުކާރަށް ވޯޓު ހޯދަން ފަސޭހަވާނީ ސަރުކާރުން މިކަން ކޮށްގެންނެވެ.

ދެންކަންކުރިގޮތަކީ މާލިއްޔަތާ ގުޅުން ހުރި ކަންކަމާގުޅޭ ބިލުތައް މަޖިލިހަށް ހުށައެޅޭނީ ހަމައެކަނި ސަރުކާރަށްކަމަށް ކަނޑައަޅައި، މަޖިލިސް ޤަވަޢިދަށް ބަދަލުގެނެސް ފާސްކުރީއެވެ. އެނިންމުމާއެކު މަޖިލިސްއިން އަނާރާގެ ބިލު ބޭރުކޮށްލީއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޢާއިލާތަކާމެދު ކަންވެގެން ދިޔައީ ބޭއިންސާފުންނެވެ. އޭރުގެ ސަރުކާރުން ނަގަން އުޅުނު ކްރެޑިޓް ދައުރު ނިމުނު އިރުވެސް ނުނެގުނެވެ. ހުރިހާ ހިތްދަތިކަމެއްލިބުނީ އުންމީދުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޢާއިލާތަކަށެވެ.

ސިޔާސީ ފޮރުވުމެއްގައި އަނެއްކާވެސް 19 ވަނަ ރައްޔިތުންގެ މަޖިލިސްގައިވެސް ހަމަ އެކުޅި ތަކުރާރުވީއެވެ. މިއިޝާރާތްކުރަނީ 19 ވަނަ މަޖިލިސްގައި ނުކުޅެދުންތެރިކަން ހުންނަމީހުންގެ ހައްޤުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު 8/2010 އަށް ދަނގެތީދާއިރާގެ ޢިއްޒަތްތެރި މެމްބަރު ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ހުށައެޅުއްވި އިސްލާހުތައް 19 ޖުލައި 2019 ވަނަ ދުވަހު އޮތް މަޖިލިސް ޖަލުސާއިން ބޭރުކޮށްލުމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް ހުށަހެޅުއްވި އިސްލާހުގައިވަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓާ އެ މީހުން ގިންތި ކުރަން ވާނެކަމަށެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000 ރުފިޔާއާއި 7000 ރުފިޔާއާއި ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭންވާނެ ކަމަށްވެސް މި އިސްލ؛ާހުގައިވެއެވެ. އަދި އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ދޭންވާނެ ކަމަށް

ބޭރުކޮށްލި އިސްލާހުގައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000 ރުފިޔާގެ އިނާޔަތެކެވެ.

19 މަޖިލިސްގައި މެމްބަރުން ދެއްކެވި ވާހަކައަށް ބަލާއިރު އެމެމްބަރުން މަޖިލިސްގައި ވަކާލާތުކޮށް އަމަލު ބަހައްޓަންވާނީ މުޅި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްކަމެއް ހަނދުމަފުޅެއްނެތެވެ. ސިޔާސީ ހުންޖެހި، ޣަރަޤުވުމުން ފެންނާނީ އަބަދުވެސް އަމިއްލަ ބައި މޮޅުކޮށް ރީތި ހޯދައިދޭން އުޅޭ މަންޒަރެވެ.

ޤައުމުގެ މާލިއްޔަތާ ޖެހެންވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޖެހުނީމައެއްނޫނެވެ. ލައްކައިން ލައްކައިން ކުޅިވަރަށް ބަހަންވީމާ މާލިއްޔަތުގެ ވާހަކަ ނުވެސް ދައްކައެވެ. ސިޔާސީ ވަޒީފާ ތަކުގެ ވާހަކަ ބާއްވާލާށެވެ.

ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލުހޯދައިދޭން ޖެހޭ ބައެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރުދެވޭ އިނާޔަތާއި، ޚިދުމަތްތައް ރަނގަޅުކުރުމަކީ ތިޔަ ކޮންމެ މަންދޫބެއްގެ ވާޖިބެކެވެ. ސިޔާސީވެ މެޑަލް ޖަހަން ނޫޅެ ހައްލު ހޯއްދަވައި ދެއްވާށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000 ރުފިޔާގެ އިނާޔަތެކެވެ.