އެމެރިކާގެ ރިޔާސަތުގައި މިހާރު ހުންނެވި، ޑޮނަލްޑް ޓްރަމްޕް އަކީ، މިހާތަނަށް އެމަޤާމު ފުރުއްވި ބޭފުޅުންގެ ތެރެއިން، އިންޑިޔާއާއި އެންމެ ގާތް، އަދި އެންމެ ބަދަހި ގުޅުމެއް ބޭއްވެވި ބޭފުޅާކަމަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ހިއުސްޓަންގެ ބޮޑު ސްޓޭޑިއަމެއްގައި ކުރިއަށްދިޔަ ޓްރަމްޕްގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ މިހެން ވިދާޅުވިއިރު، މޯދީވަނީ ޓްރަމްޕް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން، ޓްރަމްޕް އަކީ އަބަދުވެސް ވާހަކަ ދެއްކޭ، އެކުވެރި އަދި ހަކަތަ ހުރި ވެރިއެއްކަމަށް ވިދާޅުވިއެވެ.
އެމެރިކާގައި އުޅޭ އިންޑިޔާ ދަރިކޮޅުގެ ރައްޔިތުންގެ ތާއީދު، ޓްރަމްޕް އަށް ހޯދުމުގެ ބޭނުމުގައި މި ކެމްޕޭން އެއްވުން ކުރިއަށް ގެންގޮސްފައިވާއިރު، ވައިޓް ހައުސްގައި ދިވާލީ ފާހަގަކުރުމުންވެސް މޯދީވަނީ ވަރަށް ބޮޑަށް ޓްރަމްޕް އަށް ތައުރީފު ކުރައްވާފައެވެ.
ދެ ލީޑަރުން އެއް ސްޓޭޖެއްގައި ވާހަކަފުޅު ދެއްކެވިއިރު، ޓްރަމްޕްވެސް ވަނީ މޯދީ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ހަމައެހެންމެ، އިންޑިޔާ ދަރިކޮޅުގެ ރައްޔިތުން، އެމެރިކާގެ ކުރިމަގު ބިނާކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، ބޭސްވެރިކަމާއި، ވިޔަފާރި އަދި ޓެކްނޮލޮޖީގެ ގޮތުން އިންޑިޔާ ދަރިކޮޅުގެ މީހުން އެތައް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް ޓްރަމްޕް ވިދާޅުވީ ދެ ޤައުމަށް ވަރަށް އެއްގޮތް މައްސަލަތަކެއް ދިމާވެފައިވާކަމުގައެވެ. އެގޮތުން، އެމެރިކާ އަށް މެކްސިކޯ ބޯޑަރުގެ މައްސަލަ ޖެހިފައިވާއިރު، އިންޑިޔާއަށް ޕާކިސްތާނު ބޯޑަރުގައޮ މައްސަލަ ޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!