އަންނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފަހު މެޗުން ވެސް ބަލިވެއްޖެ އެވެ.
އީރާންގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަން މެޗުތަކުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް 'ސީ' ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އީރާން، އަފްގާނިސްތާން އަދި ފަލަސްތީނެވެ.
އިއްޔެ ހަވީރު ކުޅުނު ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރީ ފަލަސްތީނާއެވެ. މި މެޗު 1-4 އިން ކާމިޔާބު ކުރީ ފަލަސްތީނެވެ. އިއްޔެގެ މެޗުން ރާއްޖެ ބަލިވިކަމުގައިވިޔަސް ޒުވާން ޓީމުގެ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
FULLTIME | AFC U-16 Championship 2020 Qualifiers
Palestine 4-1 Maldives #AFCU16 #PLEMDV #MaldivesFA #TowardsFuture pic.twitter.com/EfoTawzVup
— Football Association of Maldives (@MaldivesFA) September 23, 2019
ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ އީރާން އަތުން 13-0 ގެ ބޮޑު ތަފާތަކުން ވަނީ ބަލިވެފަ އެވެ. ދެވަނަ މެޗުގައި އަފްޣާނިސްތާނާ ވާދަކޮށް 3-0 އިން ވަނީ ބަލިވެފައެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެއްވަނަ ހޯދާފައި ވަނީ އީރާނެވެ. އެ ޓީމު ވަނީ އަންނަ އަހަރުގެ މުބާރާތައް ކޮލިފައިވެފައެވެ. ދެވަނާގައި އޮތް ފަލަސްތީނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ތިން ވަނާގައި އޮތް އަފްޣާނިސްތާނަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގުރޫޕުގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ރާއްޖެއެވެ.
އޭޝިއާގެ ފުޓްބޯޅަ މައި އިދާރާ އޭއެފްސީން އިންތިޒާމްކޮށްގެން ބާއްވާ އޭއެފްސީ ޗެމްޕިއަންޝިޕަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ގަދަ ހަތަރު ޓީމަށް ޖެހިގެން އަންނަ ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ޖަޕާނެވެ. ޖުމްލަ ތިން ތައްޓާއެކު ޖަޕާނަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަން ފާހަގަކޮށްލެވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!