ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރުކަން ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މި މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫސުމާ ބެހޭ ހަޅުތާލުގެ ބައިވެރިންނާއެކު ބޭއްވުނު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް ގައުމަކަށް 2020 ވަނަ އަހަރު ވުމަށް މަސައްކަތް ކުރުމުގެ ސިޔާސަތު ގެންގުޅުނު ކަމަށާއި 2019 ވަނަ އަހަރު ވީއިރުވެސް އެކަން ހާސިލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއަހަރު ތެޔޮ އަންދާ 53 ޖެނެރޭޓަރެއް ވަނީ އިންސްޓޯލް ކުރެވިފަ. އިޔާދަކުރަނިވި ހަކަތައަކީ މިޒަމާނުގައި ތެޔޮ އަންދާ ޖެނެރޭޓަރަށް ވުރެ މާ އިކޮނޮމިކަލް އެއްޗެއް. ކީއްވެތޯއޭ ތެޔޮ އަންދާ ޖެނެރޭޓަރ ބޭނުން ކުރަނީ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދިވެހި ރާއްޖެއަކީ އެއްވެސް ހާލެއްގައި ތެޔޮ އަންދައިގެން ކަރަންޓު އުފައްދަން ޖެހޭ ގައުމެއްކަމަށް ގަބޫލު ނުކުރާ ކަމަށާއި ބޭނުންވާ ވަރަށް ވުރެ އިތުރަށް ހަކަތަ އުފެއްދޭނެ ވަސީލަތް ލިބިފައިވާ ކަމަށެވެ.
މެމްބަރު ސަލީމް ވިދާޅުވީ 2020 ވަނަ އަހަރު ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ވުމުގެ ސިޔާސަތެއް އޮތް ނަމަވެސް ސަރުކާރުތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އެކަން ހާސިލް ވުމަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސިޔާސަތު އެގޮތަށް ކުރިއަށް ގެންދެވުނު ނަމަ ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް ގައުމު ކަން މިއަދު ފަޚުރުވެރިކަމާއެކު ބުނެވޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ކޮމެޓީއިން ވަނީ ކްލައިމެޓް ޗޭންޖާއި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ގަރާރެއް ތައްޔާރުކޮށް، މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައި ކަމަށްވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ. އަދި މިހާރު އެކަން ދަނީ މަޑުކުރަމުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވެން ދެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!