މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ލުއިދޭން ނިންމަވާފައިވާތީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދުކުރެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
މިރޭ ފަތިހުން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފަށާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ދައުލަތުން ކަނޑައަޅާ ވަކި ކަންކަމަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ގައިދުރުކޮށް ޖަމާއަތް ހެދުމުގެ އިތުރުން މިސްކިތަށް ދާއިރު އަމިއްލަ މުސައްލައެއް ގެންދިއުމާއި މާސްކު އެޅުމެވެ.
މިދިޔަ ދެމަހު މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން، މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެކަމަށް ނިންމައިފައިވެއެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ މާދަމާއިން ފެށިގެން ލުއިތަކެއް ދޭން ނިންމާ، ސަރުކާރުން ވަނީ އެކަން ޢިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!