މިއަދު އަޅުގަޑުގެ ހަނދާނަށް އައީ މީގެ 27 ވަރަކަށް އަހަރު ކުރިން - ފިލިޕީންސް ގެ ވެރިރަށް މެނީލާގައި ހުރި ސްމޯކީ މައުންޓަން އަށް ކުރި ޒިޔާރަތެކެވެ. އެއީ މެނީލާގެ ވެރިރަށުގައި ހުރި ދެމިލިޔަން މެޓްރިކް ޓަނުގެ ކުނިގޮނޑެކެވެ. އެތަނުގައި ހުރި ކުންޏާއި ހުޅުހިފާޒާތުގެ ތަކެތީގެ ފަހުން އަލިފާނުގެ ހާދިސާތައް ހިނގާ އެތައް ބަޔަކު މަރުވެއެވެ.

އެ ކުނިގޮނޑު 1995 ގައި ރަސްމީކޮށް ބަންދުކުރުމާއި ގުޅިގެން އެތަނުގައި ތިބި މީހުން ދެން ބަދަލުވީ ޕަޓަޔާސް ކުނިގޮނޑަށެވެ. 2007 ގައި އެކުނިގޮނޑުގައި 80،000 މީހުން ދިރިއުޅުނެވެ.
އެ ޒިޔާރަތުގައި ސްމޯކީ މައުންޓެން އިން އަޅުގަޑާ ދިމާވި ކުނިހޮވާ މީހުންގެ ދަރިން ގެ ޝަކުވާއެއް ނެތެވެ. އެކުދިންތިބެނީ "އުފަލުގަ" އެވެ. ފުލުހުންނާއި ފަނޑިޔާރުގޭގެ އުނދަގޫ އެކުދިންނަށް ވަރަށް ބޮޑެވެ. އެކުދިންގެ ދިރިއުޅުމުގެ ދެބައިކުޅަ އެއްބަޔަކީ އެމީހުންގެ ފުށުން މިންޖުވުމަށް ކުރާ މަސައްކަތެވެ.
އޭގެތެރެއިން ތެރަހުގަައި ވަސްގަންނަ ކުދިންނާއި ވައްކަންފަދަ ކުށްތަކަށް އަރައިގަންނަ ކުދިންނާ އަޅުގަޑާ ބައްދަލުވިއެވެ. ކޮންމެވެސް ދުވަހަކުން ރަަގަޅު ތަނެއްގައި ރަގަޅު ދިރިއުޅުަމަކަށް އެކުދިން އުންމީދުކުރެއެވެ.
ވެރިރަށް މާލެއަކީ ގޮނޑުސިޓީއެއް ކަމުގައި ވިޔަސް ހޮރުހޮރާއި ފްލެޓުތަކުގައި އުޅޭ އާދައިގެ މީހުންނާއި ބޭފުޅުންވެސް އުޅެނީ މާބޮޑު ޝަކުވާއެއް ނެތި "އުފަލުގަ" އެވެ. ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ ރެސްޓޯރަންޓް ތަކާއި އެންމެ ފަހުގެ ފޯނު ރިލީޒްކުރާ ދުވަހު ގަންނަން ލިބެއެވެ.
ނުވިތާކަށް ރަށުގެ މޫނުމަތީގައި މިލިޔަން ޑޮލަރުގެ އިމާރާތްތައް ވެސް މިތިބީ ކޮށްގެންނެވެ. ހައިބަތު ދެއްކުމަށެވެ. ފަޚުރުވެރިކަމާއެކުގައެވެ. އަމިއްލަ ނަފްސަށް އޮޅުވާލައިގެންނެވެ.
ޔުނިވަސިޓީ ރަށެއް ނުވަތަ އަވަށެއް ހެދުން، ނުވަތަ ޖެހިގެން އޮތް ބިޔަބޮޑު ރަށަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރަން ނިންމުމަކީ ނުހަނު ފަސާހައިން ކުރެވިދާނެ ކަމެކެވެ. އެހެނެއްކަމަކު، އަޅުގަޑުމެން "އުފަލުގަ" އުޅެން ދަންނަ ގޮތަކީ، ކުނިގޮނޑަކަށް ވަމުންދާ ފުރަމާލޭގައި އުޅުން ކަމަށްވާތީ، އަޅުގަޑުމެންނަށް އެނޫން ގޮތެއް ފެންނާނީ ކިހިނެތް ހެއްޔެވެ؟
ދިވެހިރާއްޖެ ދެމިއޮތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ - ތަރައްގީއާއި ތަހުޒީބާއި ތަމައްދުނަކީ މާލެވަށާ ތަވާފު ކުރަންޖެހޭ އެއްޗެއްކަމުގައި ގަބޫލުކުރެވިފައި އޮންނަ އަގީދާއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމަށްވުރެ ވެސް އޭގެ ނުރައްކާ މިރާއްޖެއަށް ބޮޑެވެ.
މިއީ ހިތްދަތިކަމުގެ ވަގުތުގައި ހިތަށްވެރިވި ޝުއޫރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!