ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ފުށުއަރާ 6 ގާނޫނެއް އިސްލާހުކުރުމުގެ ބިލު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސް އޮފީހަށް ހުށަޅައިފިއެވެ.

މިގޮތުން އޭޖީ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 9 ވަނަ އިސްލާހަށް 23 ޑިސެންބަރު 2020 އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެ އިސްލާހުގައި 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ޤާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން އެޤާނޫނާއި އެ ޤާނޫނުގެ މަޤްސަދުތަކާ ތައާރުޒުވާ ޤާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ބިލުތައް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށް އޭޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އިސްލާހް ގެންނަންޖެހޭ ކަމަށް އޭޖީ ފާހަގަކޮށްފައިވާ ގާނޫތައް:

  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު
  • ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު
  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު
  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު
  • އެއްގަމު ދަތުރުފަތުރުގެ ޤާނޫނު

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ވަނީ 19 ބިލެއް ހުށަހަޅާފައިވާއިރު، މީގެއިތުރުން އަބުރާބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.