ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިި ދެކޮޅަށް ހއ. އިހަވަންދޫ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
މިކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ކައުންސިލުން މިއަދު އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އިހަވަންދޫގެ 7 ކައުންސިލަރުން ތެރެއިން 6 ކައުންސިލަރަކު ސޮއިކޮށް ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނީ، އިސްލާމް ދީނަކީ މުންކަރާތްތައް ނަހީކޮށް، ހެޔޮކަންކަމަށް އަމުރުކުރުމުގެ މަތިވެރި ޝިޢާރުތައް ވުޖޫދުކޮށް މުޖުތަމައުތައް އިސްލާޙް ކުރުމުގެ ދަންމަރު މުޅިދުނިޔޭގައި ފަތުރައިދިން ނޫރުކަމުގައި ވީހިނދު މި ކުޑަކުޑަ އިސްލާމީ މުޖުތަމަޢުގައި މިޝިޔާރާއި ފުށުއަރާއެއްވެސް ކަމެއް ޤާނޫނީގޮތުން އެކަށަހެޅިގެން ދިޔުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އިހަވަންދޫ ކައުންސިލާއި، އެރަށުގެ ރައްޔިތުން ދެކޭ ކަމަށެވެ.
ރާއްޖޭގެ ޤާނޫނުގައި ސާފުކޮށް "ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމް ދީން" ކަމުގައި ބަޔާންކޮށްފައި ވަނިކޮށް، އިސްލާމްދީނުގެ މަތިވެރި އަސާސެއްގެ ދައުރު ހަނިވާހެން ހުށައެޅިފައިވާ މި ބިލަކީ އެ ކައުންސިލުން ކަންބޮޑު ވާފަދަ ކަންކަން ހުރި ބިލެއްކަމުގައި ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިގޮތުން، މި ބިލް ޤާނޫނަކަށް ވެއްޖެ ނަމަ އެއީ އިސްލާމްދީނަށާއި ދީނުގެ އަސާސްތަކަށް ފުރައްސާރަކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއްކަމަށް ދެކޭކަމަށާއި، އަދި މިއީ ދީނީ ނަސޭހަތް ފޯރުކޮއްދޭ ދީނީ ޢިލްމުވެރިންނަށް ސީދާކޮށް ގޮންޖަހާ އެބޭފުޅުންގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވޭ ދޮރެއްގެގޮތުގައިވެސް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބިލަކީ ޤާނޫނުން ލިބިދޭ އިސްލާމްދިނުމުގެ އުސޫލްތަކާއި ޙިލާފައް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެެގެންދާނޭ ބިލެއްކަމަށްވެސް އެކައުންސިލުން ފާހަގަ ކުރިއެވެ. އަދި އެ ކައުންސިލުން ޤަބޫލު ކުރައްވާގޮތުގައި، އިސްލާމްދީނާއި ޚިލާފަށް ވާހަކަދައްކައި ފަރާތްތައް ދިފާއުކޮށް މި ބިލު ފާސްކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ވާޖިބަކަށް ވާންޖެހޭނީ އެފަދަ ފަރާތްތައް ކުއްވެރިކޮށް، ހަރުކަށި ފިޔަވަޅުއެޅޭނެ ފަދަ ގޮތަކަށް ޤާނޫނު ފަރުމާ ކުރުމެވެ.
އަދި އިސްލާމް ދީނާ ޙިލާފު ފިކުރުތައް ރާއްޖޭގައި ފެތުރުމަށް ފުރުސަތުދެވުމަކީ ދިވެހި އެއްވެސް ރައްޔިތެއް އެދޭނެކަމެއް ނޫންކަމަށާއި، ދީނުގެ އަސާސްތައް ހަނިވެގެންދާގޮތައް، ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލާއި ދެކޮޅަށް ވޯޓު ދެއެވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދޭކަމަށް ވެސް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.
"ދިވެހީންގެ ދިވެހި ވަންތަކަމުގެވެސް އަސްލުކަމުގައިވާ އިސްލާމްދީނުގެ އަސާސްތައް ހަނިވެގެންދާގޮތަށް، ނަފްރަތުގެ އަމަލުތައް ހުއްޓެވުުމުގެ ނަމުގައި ފަރުމާކުރެވިފައިވާ، ބިލު ފާސްކުރުމަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ކިބައިން، ޙާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުުޙައްމަދު ޝިފާއުގެ އަރިހުން ނުހަނު އާދޭހާ އެކު ދަންނަވަމެވެ." - އިހަވަންދޫ ކައުންސިލް -
މި ބިލު މިހާރުން މިހާރަށް އަނބުރާ ގެންގޮސް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮއްފައެވެ.
މި ބިލާއި ދެކޮޅަށް ދީނީ ޢިލްމުވެރިންނާއި ގިނަ އަދަދެއްގެ އާންމު ފަރާތްތަކުން އަންނަނީ މީސް މީޑިއާގައި އަޑުއުފުލަމުންނެވެ. އަދި "ބޭން ސެކިއުލަރ ބިލް" ގެ ނަމުގައި މީސް މީޑިއާގައި ހޭޝްޓެގެއް ބޭނުންކުރަން ފަށާފައި މިބިލާ ދެކޮޅަށް ޝުއޫރުފާޅުކުރުން ވަނީ ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!